އައިޖީއެމްއެޗުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް އިފްތިތާހުކުރުމަކީ ޞިއްޙީ ފަރުވާގެ ބިނާރު ހަރުދަނާކޮށް، ފެންވަރު ރަނގަޅު ފަރުވާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު، މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް އިފްތިތާހުކުރެވިގެންދިއުމާ ގުޅިގެން ވަޒީރު ވިދާޅުވީ 75 އެނދުގެ މި ފެސިލިޓީއާއެކު، ކްރިޓިކަލް ސަރޖިކަލް ކެއަރ ފުޅާކޮށް، ނިއުރޯ، އޯތޮޕީޑިކް، ޕްލާސްޓިކް އަދި ޔޫރޮލޮޖިކަލް ސަރޖަރީތައް ހިމެނޭ ގޮތަށް އައިޖީއެމްއެޗްގެ ޖުމުލަ އެނދުގެ ކެޕޭސިޓީ 510 އަށް އިތުރުވެގެންދާނެ ކަމަށެވެ.
އިއްޔެ އައިޖީއެމްއެޗް ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފެސިލިޓީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް އިފްތިތާޙުކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ވިންގް ބައްލަވާލައްވާފައެވެ.
އެމަނިކުފާނުގެ އަރިހުގައި މާލީ ވަޒީރުގެ އިތުރުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމާއި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބޯޑްގެ ޗެއަރޕަރސަން ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް، އެސިސްޓަންޓް މެޑިކަލް ޑިރެކްޓަރ އަދި ހެޑް އޮފް ދަ ޑިޕާޓްމަންޓް އޮފް ސަރޖަރީ ޑޮކްޓަރ މުޙައްމަދު ވަހީދު އަދި ޑިރެކްޓަރ ޖެނެރަލް އޮފް ނަރސިންގ މަރިޔަމް ޝިފާ ބައިވެރިވެވަޑައިގަތެވެ.
ހަބަރު: ސަރުކާރު