ބ. އޭދަފުށީގައި ފަތާ ސަރަހައްދެއް ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ އިއްޔެ އޭދަފުށީ ކައުންސިލް އިދާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫޢުގެ ދަށުން އޭދަފުށީގެ ދެކުނު ފަރާތުގައި މޫދަށް އެރުމަށް ވަކި ޚާއްޞަ ސަރަހައްދެއް ތަރައްޤީކުރެވޭނެއެވެ. މި މަސައްކަތުގެ ތެރޭގައި ހިމެނެނީ އެރަށު ފަޅުތެރެއިން 15,914 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 160 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމެވެ. މީގެ އިތުރުން، 60 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް އަދި 70 މީޓަރުގެ ގްރޮއިން ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަދު ސަޢުދީއެވެ. އަދި އޭދަފުށި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް، މުޙައްމަދު ފާތިޙްއެވެ.
މި މަޝްރޫޢުގެ އަގަކީ 4.63 މިލިއަން ރުފިޔާ ކަމަށާއި، މަސައްކަތް ނިންމުމަށް 150 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް އެމްޓީސީސީން މން މަޢުލޫމާތު ދީފައިވެއެވެ.
މި މަޝްރޫޢު ނިމުމުން އޭދަފުށީގެ ރައްޔިތުންނަށާއި ފަތުރުވެރިންނަށް ރައްކާތެރި ގޮތެއްގައި މޫދަށް އެރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ. އަދި މިއީ ރަށުގެ ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ބެލެވެއެވެ.