އަދަބުތައް ތަންފީޛު ކުރުމަށްޓަކައި އެމްސީއެސް އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
އަދަބުތައް ތަންފީޛު ކުރުމަށްޓަކައި އެމްސީއެސް އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޛު ކުރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާއަކީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 1005 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު" ގައިވާ ގޮތުގެ މަތިން ކަނޑައެޅޭ އަދަބުތައް ތަންފީޛު ކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައަޅައި، އެކަމުގައި ކައުންސިލުން އެމްސީއެސްއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން، ކޯޓުތަކުން ކަނޑައަޅާ އަދަބުގެ ބާވަތާ ގުޅިގެން ޤައިދީން ތަޢުލީމީ އަދި އެހެނިހެން ޕްރޮގްރާމްތަކުގައި ބައިވެރިކުރުމަށް އަމުރުކުރާ ޙާލަތްތަކުގައި، އައްޑޫ ސިޓީ ކައުންސިލުން އެމްސީއެސްއަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ހިންގާ ޕްރޮގްރާމްތަކުގައި ޤައިދީން ބައިވެރިކުރުމުގެ މަގު ތަނަވަސްކޮށްދިނުން ހިމެނެއެވެ.

އިތުރުން، މުޖުތަމަޢަށް ޚިދުމަތްކުރުމުގެ ގޮތުން ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމަށް އެންޖީއޯތަކާއި އެހެނިހެން ދާއިރާތަކުން މަޢުލޫމާތު ހޯދައި، އެމްސީއެސްއާ ހިއްސާކުރުމުގެ މަސައްކަތްވެސް ކައުންސިލުން ކުރިއަށް ގެންދާނެއެވެ. އަދި މި މަސައްކަތްތައް ރާވައި ހިންގުމުގައި ކައުންސިލުން އެމްސީއެސްއަށް އެހީތެރިވެދޭނެއެވެ.

މީގެއިތުރުން، ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އަދަބުތައް ތަންފީޛުކުރާ މުއްދަތުގައި، ޤައިދީން މުޖުތަމަޢުން ބަލައިގަންނަ ބަޔަކަށް ހެދުމަށާއި، މުޖުތަމަޢަށް އަނބުރާ ގުޅުމަށް މަގުފަހިކުރުމަށްޓަކައި، މުޖުތަމަޢުގެ ދައުރު ބަޔާންކޮށްދީ އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތްތަކުގައިވެސް އައްޑޫ ސިޓީ ކައުންސިލުން އެމްސީއެސްއަށް އެއްބާރުލުން ދޭނެއެވެ.

މިއަދު އޮންލައިން