އެމްޓީޑީސީއިން ނާގޯށީގައި ރިސޯޓު އިމާރާތްކުރުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އެމްޓީޑީސީއިން ނާގޯށީގައި ރިސޯޓު އިމާރާތްކުރުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

ހދ. ނާގޯށީގައި ރިސޯޓު އިމާރާތްކުރުމުގެ މަސައްކަތް މިއަންނަ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ނިޔާޒް ވިދާޅުވެއްޖެއެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި މިހާރު ވަނީ ރަށުގެ ކުރެހުންތަކާއި ހުއްދަތައް ހޯދާ ނިމި، ކޮންސްޓްރަކްޝަން ޕްލޭންގެ މަސައްކަތްވެސް ނިމިފައެވެ.

2006 ވަނަ އަހަރު އެމްޓީޑީސީއާ ހަވާލުކުރެވުނު މި ރަށަކީ، އޭގެ ފަހުން އެކި ފަރާތްތަކަށް ތަރައްޤީކުރުމަށް ދެވިފައިވާ ރަށެކެވެ. ނަމަވެސް، މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން އެ އެގްރިމެންޓްތައް ވަނީ އުވާލެވިފައެވެ. މިހާރު ރަށުގެ 33 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ކުރިއަށް އޮތް ތަނުގައި ދެ ފިޔަވައްސަކަށް ބަހާލައިގެން ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.

ރިސޯޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 100 ވޯޓަރ ވިލާ އާއި 83 ބީޗް ވިލާ އެޅުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު ޖުމްލަ 183 ކޮޓަރި މި ފިޔަވަހީގައި ހިމެނޭނެއެވެ. މި ފިޔަވަހި ތަރައްޤީކުރުމަށް 37 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ލަފާކުރެވޭއިރު، މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކަށް 15 މިލިއަން ޑޮލަރު ވަނީ ހޭދަކުރެވިފައެވެ.

އެމްޓީޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި މި ޕްރޮޖެކްޓަށް ބޭނުންވާ ފައިނޭންސިންގ ހަމަޖެހުމުގެ މަގުމަތީގައިވާ ކަމަށާއި، އަންނަ އަހަރުގެ ފަހުކޮޅު ރިސޯޓުގެ އޮޕަރޭޝަންތައް ފެށޭނެ ކަމަށް އުއްމީދުކުރެވެއެވެ.

މިއަދު އޮންލައިން