ރަސްމީ ދުވަސްތަކުގެ 3 ދުވަސް ބަންދު ދުވަސްތަކުގެ ގޮތުގައި ހަމަޖެއްސެވުމަކީ އެންމެ ރަނގަޅުގޮތެއްކަމަށް ޤަބޫލުނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާއެކު" ޕޮޑްކާސްޓްގެ 7 ވަނަ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އަޟްޙާ ޢީދާ ދިމާކޮށް އެހަފްތާގެ 3 ދުވަސް ބަންދުވާނެކަމަށް ބައެއް އާންމު ފަރާތްތަކުން އުއްމީދުކުރައްވާކަމަށެވެ. އަދި މީގެ ކުރިން ޢީދުފަދަ މުނާސަބާތަކާއި ގުޅިގެން ހަފްތާ ބަންދު ނުވަތަ ރަސްމީ ބަންދު ދުވަހެއް ކުރިއަށް އޮތްނަމަ 1 ނުވަތަ 2 ދުވަސް ބަންދުކުރާކަމަށް ފާހަގަކުރެއްވިއެވެ.
"މީގެކުރިން އެބަހުރި 1 ދުވަސް ނުވަތަ ދެދުވަސް ހަފްތާ ތެރެއިން ވީމަ ބަންދުކޮށްފައި. އެހެންނަމަވެސް 3 ދުވަސް ބަންދުކުރުން އަޅުގަނޑަށް ޤަބޫލުކުރެވެނީ އެއީ ޒިންމާދާރު ގޮތެއް ނޫނޭ،" ރައީސް ވިދާޅުވިއެވެ.
1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ދިމާވަނީ އަންނަ ޖޫން މަހުގެ 6 ވާ ހުކުރު ދުވަހަށެވެ. ޢީދުގެ މުނާސަބަތާ ގުޅިގެން 3 ދުވަސް ބަންދުދުވަސްތަކުގެ ގޮތުގައި ސަރުކާރުން އޮންނަނީ ހަމަޖައްސަވާފައެވެ. ޢީދު ދުވަސް ހުކުރުދުވަހަށް ދިމާވުމުން ބަންދު ވަނީ ހޮނިހިރު ދުވަސް ހިމެނޭހެން ޖެހިގެން އަންނަ ހަފްތާގެ އާދިއްތަ އަދި ހޯމަ ދެދުވަހަށެވެ.