ޔޫއެންޑީޕީ މޯލްޑިވްސްއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ "ޕްރެކްޓިސް ޕާލިމެންޓް ފޯރ ވިމެން" ޕްރޮގުރާމުގެ މިއަހަރުގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ. މި ޕްރޮގުރާމުގައި ބައިވެރިވެވޭނީ 25 އަހަރުން މަތީގެ އަންހެނުންނަށެވެ.
މިއަންނަ ޖުލައި މަހުގެ 5 އިން 12 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގުރާމަކީ ޔޫއެންޑީޕީ މޯލްޑިވްސްއާއި، ރައްޔިތުންގެ މަޖިލީހާއި، އޮސްޓްރޭލިއަން އެއިޑް އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް ޔޫއެންޑީޕީން ވަނީ އިޢުލާނުކޮށްފައެވެ.
މި ޕްރޮގުރާމުގެ ކޮންމެ ބުރެއްގައިވެސް 40 ބައިވެރިންނަށް ފުރުޞަތު ދެވޭނެ ކަމަށް ޔޫއެންޑީޕީން މަޢުލޫމާތު ދެއެވެ. ބައިވެރިން ހޮވުމުގައި ޕްރޮގުރާމުގައި ބައިވެރިވުމުގެ ޝައުގުވެރިކަމުގެ އިތުރުން، ސިޔާސީ ޕާޓީތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެންޖީއޯތަކާއި، މުޖުތަމަޢުގެ ހަރަކާތްތަކުގައި ކުރިން ހޯދާފައިވާ ތަޖުރިބާއަށް ބެލޭނެއެވެ.
ޕްރެކްޓިސް ޕާލަމެންޓް ސީރީޒްގައި މަދަނީ ތަޢުލީމުގެ މުހިންމު ބައިތަކާއި، ރައްޔިތުންގެ މަޖިލީހުގެ މުހިންމު މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވޭނެއެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޑިމޮކްރެޓިކް މަރުހަލާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މުޖުތަމަޢުގައި އެދެވޭ ބަދަލުތައް ގެނައުމަށް މަސައްކަތްކުރާ ބަޔަކަށްވެ، އިންތިޚާބުކުރެވޭ މަޤާމުތަކަށް ވާދަކުރުމުގެ ފުރުޞަތު އަންހެނުންނަށް ހޯދައިދިނުމެވެ.