ފުރަތަމަ ފަހަރަށް އޮސްޓްރޭލިޔާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ފުރަތަމަ ފަހަރަށް އޮސްޓްރޭލިޔާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވައިފި

ދިވެހިރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން އިތުރަށް ހަރުދަނާވެ، ފުޅާވެގެން ދިޔުމުގެ ގޮތުން މިއަދު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮސްޓްރޭލިޔާގެ އެމްބަސީއެއް ހުޅުވައިފައެވެ.

އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ "އޮސްޓްރޭލިޔާއާއި ރާއްޖެއާ ދެމެދު އޮތީ އިތުބާރާއި އިޙްތިރާމްގެ މައްޗަށް ބިނާވެފައި އޮތް ތާރީޚީ ގުޅުމެއް" ކަމަށެވެ. އަދި ރާއްޖޭގައި އޮސްޓްރޭލިޔާގެ އެމްބަސީއެއް ޤާއިމުވުމަކީ މި ގުޅުން އިތުރަށް ބަދަހިވަމުންދާކަމުގެ ހެއްކެއްކަމުގައި ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ވަނީ ދެ ޤައުމުގެ ގުޅުމުގެ މުހިންމު ކާމިޔާބީތަކެއް ފާހަގަކުރައްވާފައެވެ. މީގެ ތެރޭގައި މިހާތަނަށް 700 އަށްވުރެ ގިނަ ދިވެހިން އޮސްޓްރޭލިޔާގައި ތަމްރީނު ހާސިލުކޮށްފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.

އޮސްޓްރޭލިޔާއިން ރާއްޖެއަށް ދެމުންގެންދާ އެހީތެރިކަން އިތުރަށް ފުޅާކުރުމުގެ ގޮތުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް އުޅަނދެއް ހަދިޔާކުރުމަށް އެ ޤައުމުން ވަނީ ނިންމާފައެވެ. މިކަމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ.

ރާއްޖޭގައި އޮސްޓްރޭލިޔާގެ އެމްބަސީއެއް ޤާއިމުކުރެވުމާއެކު، ދެ ޤައުމުގެ މެދުގައި ހިންގޭ ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރަށް ހަލުވިވެ، ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން