ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް 4000 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއުތައް ކުރިއަށްދާކަމަށް ރައީސް ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް 4000 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއުތައް ކުރިއަށްދާކަމަށް ރައީސް ވިދާޅުވެއްޖެ

ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 4000 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއުތައް މިހާރު ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޙައްޖަށް ފުރާވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ޞިއްޙީ ދާއިރާ ތަރައްޤީކުރުމަކީ އެމަނިކުފާނު އެންމެ އިސްކަންދޭ ސިޔާސަތުތަކުގެ ތެރެއިން 2 ވަނަ ސިޔާސަތެވެ. އެހެންކަމުން، މިދާއިރާ ތަރައްޤީކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް 4000 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުގެ އަމާޒަކީ ޞިއްޙީ ޚިދުމަތް ހޯދުމަށް ބޮޑު ތަކުލީފުގައި ރާއްޖެއިން ބޭރަށްގޮސް ޚިދުމަތް ހޯދުމަށް ކުރާ ދަތުރުތައް ނިމުމަކަށް ގެނައުން. އެކަން ނިމުމަކަށް ގެނައުމަށް ޓާޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްޤީކޮށް ރަނގަޅު ފެންވަރަށް ޤާއިމްކުރަނީ. ރީޖަނަލް ހޮސްޕިޓަލްތަކުގެ ފެންވަރުވެސް ރަނގަޅު ކުރަނީ," ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މާލެ ސަރަޙައްދުގެ ސަރުކާރު ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަސައްކަތްތަކާއި، އަތޮޅުތެރޭގައި ހުރި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު މަތިކުރުމަށްވެސް މަސައްކަތްކުރައްވާ ކަމަށެވެ.

މީގެއިތުރުން، ޞިއްޙީ ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް އިތުރުވެފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މާލެ ސަރަޙައްދުން އެކަނިވެސް 700 އަށްވުރެ ގިނަ ވަޒީފާ ޞިއްޙީ ދާއިރާއިން ފަހިކޮށްދީފައިވާ ކަމަށާއި، މުޅި ރާއްޖެއިން 1200 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

މިއަދު އޮންލައިން