މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިދިޔަ އަހަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮޖެކްޓުތަކަށް 11 މިލިޔަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ކުންފުނިން މިދިޔަ އަހަރު ސީއެސްއާރު ޕްރޮޖެކްޓުތަކަށް ޖުމްލަ 11،141،311 (އެގާރަ މިލިޔަން އެއްލައްކަ ސާޅީސް އެއްހާސް ތިންސަތޭކަ އެގާރަ) ރުފިޔާ ހޭދަކޮށްފައިވެއެވެ. މި ހޭދަތައް ކޮށްފައިވަނީ މައިގަނޑު 5 ދާއިރާއަކަށެވެ. އެއީ ތިމާވެށްޓާއި އުމްރާނީ ތަރައްޤީ، އިޖްތިމާޢީ އަދި މުޖުތަމަޢުގެ ކަންކަން، ސަރުކާރުގެ އިދާރާތަކަށް ދިން އެހީތެރިކަން، ތަޢުލީމީ އަދި ޒުވާނުންނަށް ދިން އެހީތެރިކަމުގެ އިތުރުން އެހެނިހެން ސީއެސްއާރު މަޝްރޫޢުތަކެވެ.
މިދިޔަ އަހަރު އެމްޓީސީސީން އެންމެ ބޮޑު އެހީއެއް ދީފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ އެދުމުގެ މަތިން ކުރިއަށް ގެންދިޔަ ޖުމްހޫރީ ފައުންޓެއިން މަރާމާތުކުރުމުގެ މަޝްރޫޢަށެވެ. މި މަޝްރޫޢަށް 6.94 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މީގެ އިތުރުން، ތިމާވެށްޓާއި އުމްރާނީ ތަރައްޤީއަށް 184,113 (ސަތޭކަ އަށްޑިހަ ހަތަރުހާސް ސަތޭކަ ތޭރަ) ރުފިޔާ ހޭދަކޮށްފައިވާއިރު، އިޖްތިމާޢީ އަދި މުޖުތަމަޢުގެ ކަންކަމަށް 220,000 (ދުއިސައްތަ ވިހިހާސް) ރުފިޔާ، އަދި ސަރުކާރުގެ އިދާރާތަކަށް 70,262 (ހަތްދިހަހާސް ދުއިސައްތަ ފަސްދޮޅަސް ދެ) ރުފިޔާގެ އެހީ ފޯރުކޮށްދީފައިވެއެވެ.
އެމްޓީސީސީން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ސްޕީޑް ބޯޓުގެ ޚިދުމަތް ފޯރުކޮށްދީ، ރަސްމީ ދަތުރުތަކުގައި ރަށްރަށަށް ދަތުރުކުރުމަށް މަގުފަހިކޮށްދީފައިވާކަމަށްވެސް ބުނެފައިވެއެވެ. އަދި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކުރި ދަތުރުފަތުރުގެ ދުވަހަށްވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ތަޢުލީމީ ދާއިރާއަށް ބަލާއިރު، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ސްކޫލްތަކުގެ ދަރިވަރުންގެ ދަތުރުތަކަށާއި އެކިއެކި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށް ދީފައިވާކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ޒުވާނުންގެ ތަރައްޤީއަށް އަމާޒުކޮށްގެން ހިންގާ އެކިއެކި ޕްރޮގްރާމްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ބުނެފައިވެއެވެ.