ހައްޖުގެ ކަންކަން އިންތިޒާމްކުރުމުގައި މިއަހަރަކީ ފާހަގަކޮށްލެވޭ އަހަރެއް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ދިވެހި ޙައްޖާޖީންގެ ހާލު ބެއްލެވުމަށް މިވަގުތު މައްކާގައި ތިއްބެވި ވަޒީރުންގެ ޓީމުން މިނާ ޓެންޓަށް ޒިޔާރަތްކުރެއްވުމަށްފަހު، ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ "މި ޒިޔާރަތުން އެންމެ ފާހަގަކުރެވުނީ ޙައްޖު ކޯޕަރޭޝަނުން ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސާފައިވާލެއް ފުރިހަމަކަން،" ކަމަށެވެ.
އެކަމަށްޓަކައި ޙައްޖު ކޯޕަރޭޝަނަށް ޝުކުރު އަދާކުރައްވައި، ވަޒީރު އިތުރަށް ވިދާޅުވީ، "އެތައް ލައްކަ މީހުން ޝާމިލްވާ ހަރަކާތެއްގެ ތެރޭގައި ކެތްތެރިވާންޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެ." ކަމަށެވެ.
ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު، މިއަހަރަކީ ފުރިހަމަ އިންތިޒާމުތަކެއް ޤާއިމްކޮށްފައިވާ އަހަރެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ވަރަށް ގިނަ ޙާޖީންނާ ބައްދަލުވެ ދެކެވުނު ވާހަކަތަކުން އެނގިވަޑައިގަތީ ރަނގަޅު ޚިދުމަތްތަކެއް ދެވޭކަން ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް، ކުރިއަށް އޮތްތަނުގައި ރަނގަޅުކުރަންޖެހޭ ބައެއް ކަންކަން ވެސް ބައެއް ޙާޖީން ހިއްސާކުރިކަމަށް ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ. "ކޮންމެ މިފަދަ ބޮޑު ކަމެއްގައި ރަނގަޅުކުރަންޖެހޭ ކަންކަން ހުންނާނެ،" ވަޒީރު ވިދާޅުވިއެވެ.
މި ޒިޔާރަތަކީ ދިވެހި ޙައްޖާޖީންގެ ހާލު ބެއްލެވުމަށާއި، ހައްޖުގެ އިންތިޒާމުތައް ހުރި ގޮތް ބެއްލެވުމަށް ކުރެއްވި ޒިޔާރަތެކެވެ. މިކަމުން ދޭހަވަނީ ސަރުކާރުން ދިވެހި ޙައްޖާޖީންގެ ރައްކާތެރިކަމާއި ފަސޭހައަށް ދެއްވާ އަހައްމިއްޔަތުކަމެވެ.