ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހައްޖުގެމަތިވެރި އަޅުކަން އަދާކުރެއްވުމަށް ސައޫދީއަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސް މުޢިއްޒު ގެ ދެކަނބަލުންނަށް އެއާޕޯޓުން އަލްވަދާޢު ދެންނެވީ ޖިއްދާގެ ގަވަނަރު ޕްރިންސް ސައުދު ބިން އަބްދުﷲ ބިން ޖަލާވީ އަލް ސައުދު އެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި އަރިހުގައި ވަޑައިގެންނެވި ވަފްދު ސައޫދީއަރަބިއްޔާގައި ތިއްބެވީ ސައޫދީ ސަރުކާރުގެ މަހްމާން ދާރީގައެވެ.
ރައީސުލްޖުމްހޫރިއްޔާ ސައޫދީއަރަބިއްޔާ އަށް ކުރެއްވި ދަތުރު ފުޅުގައި، ވަލީއަޙްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ވަނީ ރައީސް މުޢިއްޒު އާ ބައްދަލް ކުރައްވާފައެވެ. މި ބައްދަލް ކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެގައުމު ގުޅިގެން ކުރެވިދާނެ ކަންކަން ފާހަގަ ކުރައްވާ މަޝްވަރާ ކުރައްވާފައެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެއްވުމަށް މިއަހަރު ސައޫދީއަރަބިއްޔާއަށް ވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފްގައި މުހައްމަދު ބިން ސަލްމާން ބޭއްވެވި ރިސެޕްޝަނެއްގައިވެސް ރައީސް މުޢިއްޒު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި މިރިސެޕްޝަން ގައި މުޙައްމަދު ބިން ސަލްމާންގެ އެންމެ އަރިހުގައި އިންނެވި އެއްބޭފުޅަކީ ރައީސް މުއްޒްއެވެ.
ހައްޖު ދުވަހުގެ ކުރިން ރައީސް މުޢިއްޒު ވަނީ ދިވެހި ހައްޖުވެރިންނާ ބައްދަލް ކުރައްވާ އެމީހުންގެ ހާލު ބައްލަވާލައްވާފައެވެ. އަދި ހުރިހާ ހައްޖުވެރިންނަށްވެސް މަބްރޫރް ހައްޖެއް ދެއްވުން އެދޭކަމަށް ވިދާޅުވެފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ސައޫދީއަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު އެއްކަމެއްގެ ގޮތުން އާދީއްތަ ދުވަހު ވަނީ ސައޫދީ ހައްޖު އެންޑް އުމްރާ މިނިސްޓަރ ޑޮކްޓަރ ތައުފީޤް އަލް ރާބިއާ އާބައްދަލް ކުރައްވާފައެވެ.މިބައްދަލް ކުރެއްވުމުގައިވެސް ރައީސް މުޢިއްޒު ވަނީ ހައްޖުވެރިންގެ ލުއި ފަސޭހައަށްޓަކައި ހަމަޖައްސަވާދެއްވާފައިވާ ފުރިހަމަ އިންތިޒާމް ތަކަށްޓަކައި ސަލްމާން ރަސްގެފާނު އަދި ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާން އަށް ޝުކުރު ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.