ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާޙައުލަށް ތައްޔާރުކޮށްދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 36ސ
ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާޙައުލަށް ތައްޔާރުކޮށްދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް!

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މާޙައުލަށް ނުކުތުމަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމް، 'ޖޮބް ރެޑިނަސް' ޕްރޮގްރާމްއަކީ ކެއަރ ސޮސައިޓީއާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް ބާރުވެރިކުރުމަށް މިވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. 

މި ޕްރޮގްރާމްގައި ބައިވެރިން ނެގުމުގައި އިސްކަންދެވެނީ ޙާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެތެރެއިން ވަޒީފާއަށް އެދޭ މީހުންގެ ދަފްތަރުން އެސެސްމަންޓްހަދައި މިފަދަ ޕްރޮގްރާމްއަކަށް ބޭނުންވާކަމަށް ފާހަގަކުރެވޭ މީހުންނަށެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވަޒިފާގެ ފުރުސަތަކަށް އެދި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެވެން އަންނަނީ މިފަދަ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ފަހުގައިކަމުން މިފަދަ ޕްރޮގްރާމެއް ހިންގުމުގެ މުހިންމުކަން ފެނިގެންދެއެވެ.

މިގޮތުން ޖޮބް ރޭޑިނަސް ޕްރޮގްރާމްގެ ފުރަތަމަ ބެޗު، 10 ޖޫން 2024 ގައި ފަށައި 26 އޯގަސްޓު 2024 ގައި ވަނީ ކާމިޔާބުކަމާއި އެކު ނިންމާފައެވެ. މި ޕްރޮގްރާމް ފުރިހަމަކޮށް 12 ފަރާތެއް ވަނީ މަސައްކަތުގެ މާހައުލަށް ތަމްރީނުވެފައެވެ. އަދި މި ބައިވެރިންގެ ތެރެއިން ހަތް ފަރާތެއް މަސައްކަތުގެ މައިދާނުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ޖޮބް ރެޑިނަސް ޕްރޮގްރާމް ފުރަތަމަ ބެޗުން އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ މިފަދަ ޕްރޮގްރާމެއް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށް ބޭނުންވާކަމެވެ. އެހެންކަމުން 'ޖޮބް ރެޑިނެސް ޕްރޮގްރާމް ބެޗް 2'، 04 މެއި 2025 ގައި 10 ބައިވެރިންނާއި އެކު ފެށިގެން ދިޔައީ ފުރަތަމަ ބެޗުގެ ޕްރޮގްރާމްގެ ތަޖުރިބާއިން، އަންނަނިވި ކަންކަން ހިމަނާ ޕްރޮގްރާމް އިތުރަށް ވަރުގަދަކޮށްގެންނެވެ.

ފުރަތަމަ ބެޗު ހިންގިފައިވަނީ ބައިވެރިން އެކީގައި އެއް ގުރޫޕެއްގޮތުގައި ކަމަށްވެފައި، ގިނަ ބައިވެރިންނަކީ އެފަރާތްތަކަށް އިންޑިވިޖުއަލް އެޓެންޝަން ބޭނުންވާ ފަރާތަކެއްކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން ދެވަނަ ބެޗު ފެށިގެން ކުރިއަށް ގެންދަނީ ' ލައިފް ސްކިލް' އަދި 'ޖޮބް ސްކިލްސް' ބޭނުންވާނެ ފަރާތްތައް ފާހަގަކޮށް ދެ ބަޔަށް ވަކިން ތަމްރީނު ފޯރުކޮށްދެވޭ ގޮތަށް އިންތިޒާމުކުރެވިގެންނެވެ.

މި ޕްރޮގްރާމްގައި ދަސްކޮށްދެވޭ ގިނަ ހުނަރުތަކަކީ އެ ހުނަރުތައް ބޭނުންކުރާ އަސްލު މާހައުލުގައި އެކަން ތަޖުރިބާ ކުރަންޖެހޭ ކަންކަމަށްވުމުން ދެވަނަ ބެޗުގެ ބައިވެރިންނަށް މަސައްކަތުގެ މާހައުލު ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުމަށްޓަކައި "އޮން ދަ ޖޮބް ޓްރެއިނިންގ" ގެ ބައެއް ކުރިއަށްގެންދެވިގެންދާނެއެވެ.

އަދި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ބެލެނިވެރިން މި ޕްރޮގްރާމްގައި ބޮޑަށް ޝާމިލުކުރުމުގެ ގޮތުން ބައިވެރިންނަށް ޕްރޮގްރާމުން ދަސްވާ ހުނަރުތައް ގޭތެރޭގައި އަދި ބޭރުތެރޭގައި ބޭނުންކުރުމަށް އަހުލުވެރިކުރުމަށް ބެލެނިވެރިންނަށް ސެޝަންތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން