ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެފި

ކަސްޓަމްސްއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ. މި ތަކެތީގެ މަގުމަތީގެ އަގަކީ ގާތްގަނޑަކަށް 26 މިލިއަން ދިވެހި ރުފިޔާ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދެއްވިއެވެ.

ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގަނެފައިވަނީ ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި ތަކެތި ވަނީ ޕްލާސްޓިކް ގަސް ޕޮޓުތަކެއްގައި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓިފައެވެ.

ކަސްޓަމްސްއިން އިތުރަށް ހާމަކުރި ގޮތުގައި، 33 ޕެކެޓުގައި ހުރި މި ތަކެތި ފުރަތަމަ މަރުހަލާގެ ތަޙުޤީޤުން ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނަބިނޮއިޑް އޮއިލްއަށް ޕޮޒިޓިވްވެފައެވެ.

މި ހާދިސާއާ ގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، "ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުތަކާ އެއްގޮތަށް ރާއްޖޭގެ ބޯޑަރު ފުރިހަމައަށް ބެލެހެއްޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރު ދަންނަވަން" ކަމަށެވެ.

އަދި ވަޒީރު އިތުރަށް ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ފަހިކޮށް އޮތް މާޙައުލު ނައްތާލައި، އެފަރާތްތަކާ ޤާނޫނު ދަނީ އަރައިހަމަކުރަމުން ކަމަށެވެ.

ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަން މި ހާދިސާއިން ހާމަވެގެންދެއެވެ.

މިއަދު އޮންލައިން