ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސްގައި ދިވެހިރާއްޖޭގެ ފިރިހެން ޓީމު ކުޅުނު ދެވަނަ މެޗުގައިވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ދިވެހި ޓީމު ބަލިވެފައިވަނީ އިންޑިއާ އަތުން 151-20 ގެ ބޮޑު ސްކޯއަކުންނެވެ.
ކޮލިފަޔާސްގެ ފުރަތަމަ މެޗުގައި ރޭ ކުޅުނު މެޗުގައި ދިވެހިރާއްޖެ ވަނީ ސްރީ ލަންކާ އަތުން 116-28 އިން ބަލިވެފައެވެ. މިހާރު ދިވެހި ޓީމަށް ދެން އޮތީ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނަން ޖެހޭ މެޗެވެ.

މި މުބާރާތުގައި ދިވެހިރާއްޖޭގެ އިތުރުން ވާދަކުރަނީ އިންޑިއާ، ސްރީ ލަންކާ އަދި ބަންގްލަދޭޝްއެވެ.

އެހެންނަމަވެސް، ދިވެހިރާއްޖޭގެ އަންހެން ޓީމުން ވަނީ އިއްޔެ ހަވީރު 104-17 ގެ ބޮޑު ތަފާތަކުން ބަންގްލަދޭޝް ބަލިކޮށް ފެށުން ރަނގަޅުކޮށްފައެވެ. އަންހެން ޓީމުގެ ދެވަނަ މެޗުގައި މިރޭ 20:00 ގައި ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި އެ ޓީމުގެ ފަހު މެޗުގައި މާދަމާ 17:30 ގައި އިންޑިއާއާ ބައްދަލުކުރާނެއެވެ.

މި މަހުގެ 15 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ރޭންކިން މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުއެވެ.