މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހިނގާ ޖޫން މަހުގެ ފުރަތަމަ ދެ ހަފްތާގައި މަސްވެރިންނަށް ޖުމްލަ 25 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޖޫން މަހުގެ ފުރަތަމަ ހަފްތާގައި 165 ދޯންޏަކުން މަސްކިރުވާފައިވެއެވެ. މި ދޯނިތަކުން ކިރުވި މަހަށް 16.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މިއީ މޭ މަހުގެ ފުރަތަމަ ހަފްތާއާ އަޅާބަލާއިރު 7 އިންސައްތަ އިތުރު އަދަދެކެވެ.
ނަމަވެސް، ޖޫން މަހުގެ ދެވަނަ ހަފްތާގައި މަސްވެރިންނަށް ދޫކުރެވުނު ފައިސާގެ އަދަދު ވަނީ ދަށްވެފައެވެ. މިފްކޯއިން ބުނާގޮތުގައި މީގެ މައިގަނޑު ސަބަބަކީ ދެވަނަ ހަފްތާގެ ތިން ދުވަސް ޙައްޖު ދުވަހާއި އަޟްޙާ ޢީދު ދުވަހާ ދިމާވުމާ ގުޅިގެން މަސް ނުކިރުވުމެވެ. މި ހަފްތާގައި 111 ދޯންޏަކުން މަސްކިރުވާފައިވާއިރު، މި މަހަށް 8.3 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، ޖޫން މަހުގެ ފުރަތަމަ ދެ ހަފްތާގައި ޖުމްލަ 276 ދޯންޏަކުން މަސްކިރުވާފައިވެއެވެ. މި މުއްދަތުގައި މަސްވެރިންނަށް ދޫކުރެވުނު ޖުމްލަ އަދަދަކީ 25 މިލިޔަން ރުފިޔާއެވެ.