ޤައުމެއްގެ ގޮތުގައި ދެކެން ބޭނުންވާ ދުވަހަކީ ލޭ ބޭނުންވެގެން މީހަކު އާދޭސް ކުރަން ނުޖެހޭނެ ދުވަހަކަށް ދިއުން ކަމަށް ޞިއްހީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިއަދު ދުނިޔޭގެ ލޭހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުުޅު ދައްކަވަމުން ވަޒީރު މިހެން ވިދާޅުވިއެވެ.
"ޤައުމެއްގެ ގޮތުގައި ދެކެން ބޭނުންވާ ދުވަހަކީ ލޭ ބޭނުންވެގެން މީހަކު އާދޭސް ކުރަން ނުޖެހޭނެ ދުވަހަކަށް ދިއުން. އެކަމަށްޓަކައި މަސައްކަތް ކުރަންޖެހޭ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ކޮލެޖް ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އެކި ޕްލޭންތައް ހަދައިގެން ލޭ ހަދިޔާ ކުރުމުގެ އެކި ޕްރޮގްރާމްތައް ކުރިއަށް ގެންގޮސް، ދަރުމައަށް ލޭ ހަދިޔާ ކުރާ މީހުންގެ އަދަދު އިތުރުކުރަން ޖެހެއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ މިންގަނޑުތަކަށް ބަލާއިރު ކޮންމެ ޤައުމެއްގައިވެސް މަދުވެގެން 1 އިންސައްތަ މީހުންނަކީ ލޭ ހަދިޔާ ކުރާ މީހުންކަމުގައި ވާންޖެހޭއިރު، މިހާތަނަށް އައިރު ރާއްޖެއިން އެ މިންގަނޑާ ހަމައަށް އާދެވިފައި ނުވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ޞިއްޙީ ކަންކަން ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ހެލްތު ޕްރޮފެޝަނަލުން ބިނާކުރުމާއި އިންފްރާސްޓްރަކްޗަރ ޤާއިމްކުރުމާއި ބޭސްފަރުވާގެ އެހެނިހެން ކަންކަން ހަމަޖެހިގެންދާއިރު ވަށާޖެހޭ ކަންކަމަށް ރިޢާޔަތްނުކޮށް ހާސިލްކުރަން އުޅޭ ލަނޑުދަނޑިތައް ހާސިލް ނުކުރެވޭނެ،" ވަޒީރު ވިދާޅުވިއެވެ.