ގައިންގަޔަށް ނާރާބައްޔަކީ ރާއްޖޭގައި %84 މީހުން މަރުވާ ސަބަބެވެ. މީގެ ތެރެއިން %34 މީހުންނަކީ ހިތުގެ ބަލީގައި މަރުވާ މީހުންނެވެ. ހެލިފެލިވެ ހަރަކާތްތެރި ނުވުމަކީ މިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބެވެ. ހިތުގެ ބަލި، ހަކުރުބަލި، ކެންސަރު، ބަލިތައް ފަދަ ގައިންގަޔަށް ނާރާބަލި (އެންސީޑީ) ޖެހުމުގެ ނުރައްކާ ކުޑަކުރުމަށްޓަކައި ގަވާއިދުން ހެލިފެލިވެ ހަރަކާތްތެރިވުމަކީ މުހިއްމުކަމެކެވެ.
ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކޮށް ޞިއްޙީ ދުޅަހެޔޮކަން އިތުރުކުރުމަށް، ކަސްރަތުކުރުމާއި ހެލިފެލިވެ އުޅުމަށް މީހުން އަހުލުވެރިކުރުމަށް 2022 ވަނަ އަހަރު "ނެޝަނަލް ފިޒިކަލް އެކްޓިވިޓީ ޕޮލިސީ" އަދި "މޯލްޑިވްސް ގައިޑްލައިން އޮން ފިޒިކަލް އެކްޓިވިޓީ"ގެ ނަމުގައި ކަސްރަތުކުރުމާއި ހެލިފެލިވެ އުޅުމުގެ ސިޔާސަތާއި މިންގަނޑުވާނީ އާންމުކުރެވިފައެވެ.
މި ސިޔާސަތާއި މިންގަނޑުގެ މަގްސަދަކީ ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމާއި ބަލިތައް ގިނަވާން ދިމާވާ ހިރާސްތަކުން ރައްކާތެރިވުމާއި ޞިއްޙީ ދުޅަހެޔޮކަން އިތުރުކުރުމާއި އާންމު ދިރިއުޅުމުގައި ހެލިފެލިވެ ކަސްރަތުކުރުމަށް ހޭލުންތެރިކޮށް އަހުލުވެރިކުރުމެވެ.
ކަސްރަތުކުރުމާއި ހެލިފެލިވެ އުޅުމުގެ މިންގަނޑުގައި އުމުރުން 0-4 އަހަރުގެ ކުދިން، އުމުރުން 5-17 އަހަރުގެ ކުދިން، ބޮޑެތި މީހުން 18 -64 އަހަރު، އުމުރުން 65 އަހަރުން މަތީގެ ބޮޑެތި މީހުން، މާބަނޑު އަދި ވިހެއުމަށްފަހު އަންހެނުން، ދިގުމުއްދަތުގެ ބަލި ހުންނަ ބޮޑެތި މީހުންނާއި އުމުރުން ދުވަސްވީ މީހުން (18 އަހަރުން މަތީގެ)، ޙާއްސަ އެހީއަށް ކުދިންނާއި ފުރާވަރުގެ ކުދިން (5-17 އަހަރު)
ޙާއްސަ އެހީއަށް ބޮޑެތި މީހުން (18 އަހަރުން މަތީގެ) އެކި އުމުރުފުރާތަކުގެ މީހުން ކަސްރަތުކުރުމާއި ހެލިފެލިވެ އުޅުމަށް ވަގުތު ހޭދަކުރަންވީ ގޮތުންގެ މިންގަނޑުތައްވަނީ ހިމާނާފައެވެ.
ހެލިފެލިވެ އުޅުމުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ބާރު އަޅައެވެ. އަދި އަމިއްލަ ނަފުސަށް ހިތްހަމަ ޖެހުން ލިއްބައިދެއެވެ.
•މަދުވެގެން ދުވާލަކު 30 މިނެޓް ކަސްރަތު ކުރުން. (މީގެ ތެރޭގައި ގޭތެރޭގެ މަސައްކަތާއި، ހިގުން، ދުވުން، އެހެނިހެން ކަސްރަތު)
•އާންމު ދިރިއުޅުމުގައިވެސް ހެލިފެލިވެ ޙަރަކާތްތެރިވެ އުޅުމަށް ސަމާލުކަން ދިނުން. (މިސާލަކަށް؛ ލިފްޓުގެ ބަދަލުގައި ސިޑި ޚިޔާރުކުރުން، ސައިކަލު ދުއްވުމުގެ ބަދަލުގައި ހިނގާފަ އުޅުން ނުވަތަ ބައިސްކަލު އިޚްތިޔާރު ކުރުން)
•ޢާއިލާ އާއި ރައްޓެހިންނާ އެކު ކަސްރަތު ޕްރޮގްރާމްތަކުގައި ބައިވެރިވެ ކަސްރަތު ކުރުމަށް ބާރުއެޅުން. (މިކަމުން ކަސްރަތުކުރުމަށް އިތުރު ހިތްވަރު ލިބި ހިތްހަމަޖެހުމާއި މަޖަލުގައި ކަސްރަތު ކުރުމަށް މަގުފަހިކޮށްދޭނެ)
•ޤަވާޢިދުން ކަސްރަތު ޕްރޮގްރާމެއް ފެށުމުގެ ކުރިން ޞިއްޙީ ޚިދުމަތްތެރިއެއްގެ ލަފާހޯދުމަށް އިރުޝާދު ހޯދުން.
•ކަސްރަތުކުރެވޭ މިންވަރު ދެނެގަތުމަށް ޗާރޓެއް ނުވަތަ މޯބައިލް އެޕްލިކޭޝަނެއް ޚިޔާރުކުރުން.
އިތުރު މައުލޫމާތު:
https://hpa.gov.mv/wp-content/uploads/2025/05/Maldives-Guidelines-on-physical-activity-for-health-2022.pdf
https://hpa.gov.mv/wp-content/uploads/2025/06/National-policy-physical-activity-for-living-healthy.pdf
ހަބަރު: ސަރުކާރު