ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން، ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް 10 ބިލިއަނެއްހާ ރުފިޔާ ވަގަށް ނެގި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ތުހުމަތުކުރައްވައިފިއެވެ.
ކޮންގްރެސް ޕާޓީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ، 2018 އިން 2023 އަށް ދައުލަތުގެ ކުންފުނިތަކުގެ މާލީ ހާލަތާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން ހެދި ދިރާސާތަކުން މި ކަންކަން ފާހަގަވެފައިވާ ކަމަށެވެ.
"މުޅި ހުރިހާ ކުންފުންޏަކަށް ބަލާއިރު، ގާތްގަނޑަކަށް އެ ފަސް އަހަރުގެ ތެރޭގައި 10 ވަރަކަށް ބިލިއަން ރުފިޔާ އެބަހުރި ހަމަ ސީދާ ވަގަށް ނަގާފައި. މިދެންނެވީ ބާޒާރުގައި ހުންނަ އަގަށް ވުރެ ބޮޑު އަގުގައި ތަކެތި ގަނެގެންނާއި ބޮޑު އަގުގައި މަސައްކަތްތައް ދީގެން،" ސަލީމް ވިދާޅުވިއެވެ.
ސަލީމް އިތުރަށް ވިދާޅުވީ ހަމައެކަނި ފެނަކަ ކޯޕަރޭޝަނުން ވެސް ހަތަރު ބިލިއަނެއްހާ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. އަދި މިދިޔަ ސަރުކާސަރުކާރުގައި ކޮންމެ ކުންފުންޏެއް ވެސް އޮތީ ތިން ބިލިއަން ނުވަތަ ހަ ބިލިއަން ރުފިޔާއިން ދަރާފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ ހަތަރުވަނަ ދައުރު ފުރިހަމަކުރައްވަމުން ގެންދަވާ ސަލީމް ވިދާޅުވީ ކުންފުނިތަކުގެ މާލީ ހާލަތަކީ ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭނެ ކަމެއް ކަމަށާއި، މި މަޢުލޫމާތު ތަކުރާރުކޮށް އާންމުންނަށް ހަނދާންކޮށްދޭން ޖެހޭނެ ކަމަށެވެ.
ސަލީމު ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން އިގްތިސާދު ހަމަޔަކަށް އެޅުވުމުގެ ނިޔަތުގައި ވަރަށް ބޮޑެތި ހިޔާނާތްތަކެއް ވަނީ ވެފައެވެ.
އިދިކޮޅު ފަރާތްތަކުން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޮލުގައި ވަގު ތުހުމަތުތައް އެޅުވުމަށް މަސައްކަތްކުރާ ކަމަށް ސަލީމް ވިދާޅުވިއެވެ. ނަމަވެސް އެފަދަ ފުރުސަތެއް ނުދޭނެ ކަމަށާއި، ރައީސް މުއިއްޒު ކަންކަން ކުރައްވަނީ އެއަށްވުރެ ފުރިހަމައަށް ކަމަށް އޭނާ ވިދާޅުވިއެވެ.