މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، ދިވެހި ފައިސާ އިން ދޭން ނިންމުމަކީ ހައްޤު ނިންމުމެއް ނޫން!: ޤާސިމް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 51ސ
މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، ދިވެހި ފައިސާ އިން ދޭން ނިންމުމަކީ ހައްޤު ނިންމުމެއް ނޫން!: ޤާސިމް

ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ލާޒިމްކޮށް, ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެގޮތަށް ޢަމަލު ކުރަން ފެށިފައިވީނަމަވެސް، ބައެއް ބޮޑެތި ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، މިއަންނަ މަހުންފެށިގެން ދިވެހި ފައިސާ އިން ދޭން ނިންމުމަކީ ހައްޤު ނިންމުމެއް ނޫން ކަމަށް ވިލާ ގްރޫޕުގެ ޗެއާމަން، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޤާސިމް އިބްރާހީމްގެ ބަސްފުޅު: 

ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ލާޒިމްކޮށް, ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެގޮތަށް ޢަމަލު ކުރަން ފެށިފައިވީނަމަވެސް، ބައެއް ބޮޑެތި ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، މިއަންނަ މަހުންފެށިގެން ދިވެހި ފައިސާ އިން ދޭން ނިންމުމަކީ ހައްޤު ނިންމުމެއް ނޫނެވެ. 

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުމެވެ. ފަތުރުވެރީން އަތުން ސާވިސްޗާޖު ނަގަނީ ޑޮލަރުންނެވެ. އެހެންކަމުގައިވާ ނަމަ އެ ހައްޤު ހަމަ އެގޮތަށް މުއައްޒަފު މީހާއަށް ލިބިދޭން ޖެހޭނީ ޑޮލަރުންނެވެ. ޑޮލަރުން ނޫންގޮތަށް މުއައްޒަފު މީހާ ސާވިސްޗާޖް ލިބުގަތުމަށް އިންކާރުކުރާނަމަ، އެއީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 212 ވަނަ މާއްދާގައި ބަޔާން ކުރާ، މަކަރާއި ޙީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން، ކަމަށް ބެލުމުގެ މައްސަލައަކަށްވުމުގެ ފުރުޞަތު އެބައޮތެވެ. 

މީހަކަށް ދޭން ހަވާލުކުރާ އަމާނާތެއް، އެ އޮތް ގޮތަށް އެމީހާއަށް ރައްދުކުރުމަކީ އެ އަމާނާތާއި ހަވާލުވިމީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ، އަދި ޤާނޫނީ ވާޖިބެއްވެސްމެއެވެ. އެހެން ކަމުން ޑޮލަރުން ލިބޭ ސާވިސްޗާޖެއް މުއައްޒަފެއްގެ ނުރުހުމުގައި ދިވެހި ރުފިޔާއިން ލިބިގަތުމަށް ދެކޮޅުހެދުމަށް ފަހު އެ މައްސަލަ ޤާނޫނުގައި ވާ ގޮތުގެ މަތީން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުން ނަތީޖާ ސާފުވެގެން ދާނެކަމަށް އަޅުގަނޑު ދެކެމެވެ. 

އަޅުގަނޑަކީވެސް އެތަށް ހާސް މުއައްޒަފުން ގެންގުޅޭ ކެޓަގަރީ އޭ ގެ ރިސޯޓުތަކެއް ހިންގާމީހަކީމެވެ. އަޅުގަނޑުމެންނަށް ވެސް މި ދަތިއެބައޮތެވެ. ނަމަވެސް މިއީ މުއައްޒަފުންގެ ވަރަށް ބޮޑު ހައްޤެއް ކަމުގައިވެފައި، ޤާނޫނުންވެސް އެ ލުއި ރިސޯޓުތަށް ޑޮލަރު މާރުކުރުމުގައި ލިބިދީފައިވާ އިރު، ރިސޯޓުތައް ހިންގުމުގައި ދަތިވާކަމަށް ބުނެ ސާވިސްޗާޖު ދިވެހިރުފިޔާ އިން ދިނުމުން މުއައްޒަފުންނަށް އެދެވެނީ މާބޮޑު ގެއްލުމެއް ކަމުގައިވާތީ މި ކަމުގައި އަޅުގަނޑު ދެކޭ ގޮތް ހިއްސާ ކޮށްލީއެވެ. އަދި ބައެއް އެހެން ކުންފުނިތަކުން މިހާލަތާއި ގުޅިގެން މުސާރަވެސް ދިވެހިރުފިޔާ އިން ދޭން ނިންމަން އުޅޭ ކަމުގެ ޚަބަރަކީ ކަންބޮޑުވާން ޖެހޭ ކަންތައްތަކެވެ. 

މުއައްޒިފުންނާއި އެގްރީމަންޓް ކޮށްފައިވާ މުއްދަތުގައި ޑޮލަރުން މުސާރަދިނުމަށް އެއްބަސްވެފައިވާނަމަ އެ މުއްދަތުގައި މުސާރަ ދޭން ޖެހޭނީ ޑޮލަރުންނެވެ. ފައިސާގެ ޖިންސުބަދަލުކޮށް އެހެންފައިސާ އަކުން ދެވޭނީ އެ މުއައްޒަފުމީހާ އެކަމަށް އިއްތިރާޟް އެއް ނެތް ކަމުގައިވާނަމައެވެ. 

--ޤާސިމް އިބްރާހީމް / ވިލާ ގްރޫޕުގެ ޗެއާމަން 

https://x.com/qasimibrahim/status/1935377479994356087

 

މިއަދު އޮންލައިން