ސާފު ރާއްޖެއަކަށް: "މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025" އިފްތިތާހުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ސާފު ރާއްޖެއަކަށް: "މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025" އިފްތިތާހުކޮށްފި

ރާއްޖޭގެ ކުނި މެނޭޖުކުރުމުގެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމާބެހޭ މަޢުލޫމާތު ދިނުމަށާއި، މި ދާއިރާގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާބެހޭގޮތުން ޤައުމީ ފެންވަރުގައި މަޝްވަރާކުރުމަށްޓަކައި ބާއްވާ "މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ 20 އިން 23 އަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުންނެވެ.

ސާފު ރާއްޖެ ބިލްޑިންގްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި މަހާސިންތާ އިފްތިތާހުކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރ،ު ޠާރިޤު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ވަޒީރު ވަނީ މަހާސިންތާގެ ރަސްމީ ބްރޭންޑިންގ އާއި ވެބްސައިޓްގެ އިތުރުން ސޯޝަލް މީޑިއާ ހޭންޑްލްތައްވެސް ތަޢާރަފުކޮށްދެއްވާފައެވެ.

މި ހަފްލާގައި، "މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ" ރާވާ އިންތިޒާމްކުރުމުގެ މަސައްކަތް "އިވެންޓް މޯލްޑިވްސް" އާއި ޙަވާލުކުރުމުގެ ކޮންޓްރެކްޓް އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ.

މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާއަކީ ރާއްޖޭގެ ހުރިހާ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުގެ އިތުރުން ސިޓީ ކައުންސިލްތަކާއި، ކުނި މެނޭޖުކުރުމާއި ގުޅުންހުރި ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތައް ހިމެނޭހެން، އަދި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ބޭފުޅުންނާއި ތަޖުރިބާކާރުން ހިމެނޭގޮތަށް 500 އަށްވުރެ ގިނަ ބައިވެރިންނާއެކު ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މަހާސިންތާއެކެވެ.

މި މަހާސިންތާގެ މައިގަނޑު މަޤްސަދަކީ ކުނި މެނޭޖުކުރުމުގެ ދާއިރާގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި، ރާއްޖެ ސާފުތާހިރު ދިރިއުޅުމުގެ މާހައުލެއް ބިނާކުރުމަށް ޤައުމީ ފެންވަރުގައި މަޝްވަރާކޮށް، ސިޔާސަތުތަކަށް އިރުޝާދު ދިނުމެވެ.

މިއަދު އޮންލައިން