ބޮޑުތަކުރުފާނުމަގުގައި ޤަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ބޮޑުތަކުރުފާނުމަގުގައި ޤަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރަނީ

މާލޭގެ މަގުތަކުގައި ދަތުރުފަތުރު ކުރުމަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަވާނެގޮތަށް މަގުތައް ތަރުތީބުކުރުމުގެ މަސައްކަތުގެ ތެރެއިން، ބޮޑުތަކުރުފާނުމަގުގައި ޤަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލޭގެ މަގުތަކުގެ ދަތުރުފަތުރުގެ ހާލަތު ރަނގަޅުކޮށް، އާންމު ރައްޔިތުންނަށް ދަތުރުފަތުރުކުރުމަށާއި ހިނގާބިނގާވެ އުޅުމަށް ފަސޭހަ ކުރުމުގެ ގޮތުން މަގުތައް ތަރުތީބުކުރުމުގެ މަސައްކަތްތަކެއް މިހާރު ކުރަމުންދާ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން، ހެންވޭރު ކޮޅު ހިތިގަސްމަގުގެ ކަންމަތިން ފެށިގެން މެހެލިގޯޅިއާ ހަމައަށް ބޮޑުތަކުރުފާނުމަގުގައި، އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ޤަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ހާމަކުރެއްވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މިގޮތަށް ޤަވައިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދު ދުއްވި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށާއި، ޓޯވކުރެވޭ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ފަހުން ކަމަށެވެ.

ފުލުހުން ވަނީ، މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، އަމާން ދަތުރުފަތުރެއް ކަށަވަރުކުރުމަށްޓަކައި، އުޅަނދުތައް ޕާކުކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި އެކަނި ޕާކުކުރުމަށް އާންމު ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

މިއަދު އޮންލައިން