ދުނިޔޭގެ ކަނޑުތަކުގެ ދުވަސް: ހުޅުމާލޭގައި މޫދު ފެސްޓާއެކު ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް: ހުޅުމާލޭގައި މޫދު ފެސްޓާއެކު ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފި

މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް، ހުޅުމާލެ ބީޗްގައި ބޭއްވި 'މޫދު ފެސްޓު' ގެ ތެރެއިން ކުޑަކުދިންނަށް ޚާއްސަކޮށްގެން 'ޑިސްކަވަރ ޑައިވް' ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތުގައި 40 ކުޑަކުދިން ބައިވެރިވެފައިވެއެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންނަށް ކަނޑުގެ ރީތިކަން ދައްކާލުމާއި، ކަނޑުގެ ދިރުންތަކާ ބެހޭ މައުލޫމާތު ދިނުމެވެ. އަދި ޒުވާނުންނާއި ކުޑަކުދިންނަށް ކަނޑާއި، ކަނޑުގެ ވެށި ހިމާޔަތްކުރުމަށް ބާރުއެޅުމަކީވެސް މި ހަރަކާތުގެ އެއް ބޭނުމެވެ. ޑިސްކަވަރ ޑައިވް ހަރަކާތުގައި ބައިވެރިވި ހުރިހާ ކުދިންނަށާއި، ހަރަކާތް ކާމިޔާބު ކުރުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ހަނދާނީ ސެޓްފިކެޓް ވަނީ ދީފައެވެ.

މީގެ އިތުރުން މޫދު ފެސްޓުގެ ބައިގެ ގޮތުގައި، ކުޑަކުދިންނަށް ކަނޑާއި ކަނޑުގެ ދިރުންތަކާ ގުޅޭ މައުލޫމާތު ދިނުމަށް ޚާއްސަ ސްޓޯލްތަކެއް ބަހައްޓާފައިވާއިރު، ކުޑަކުދިންނަށް ޚާއްސަކޮށް ތަފާތު މޫދުގެ ކުޅިވަރުތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މި މަހުގެ 8 އިން 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ 'އޯޝަން ކުއިޒް' މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ވެސް އިނާމު ދިނުމުގެ ރަސްމިއްޔާތު ވަނީ މިއަދުގެ މޫދު ފެސްޓުގެ ތެރެއިން ބާއްވާފައެވެ.

ބައިވެރިންގެ ތެރެއިން އެންމެ ގިނަ ޞައްޙަ ޖަވާބު ދިމާކުރާ ފަރާތަކަށް ފައިސާގެ އިނާމު ލިބޭނެއެވެ. 1 ވަނަ އަށް ދާ ފަރާތަކަށް، 1،000ރުފިޔާ އަދި 2 ވަނަ އަށް ދާ ފަރަތަކަށް 750 އަދި ތިން ވަނަ އަށް ދާފަރާތަކަށް 500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިކުއިޒް މުބާރާތުން 3 ވަނަ އަށް ދިޔައީ ނަޒީރާ އިބްރާހީމް. ބަނަފްސާގެ/ރ. ކަނދޮޅުދޫ

2 ވަނަ އަށް ގޮސްފައި ވަނީ މަރިޔަމް ޝަހީމާ އިބްރާހީމް، ރަތްގާގެ/ޅ. ނައިފަރު

1 ވަނަ އަށް ގޮސްފައި ވަނީ މަރިޔަމް ސުހާ މުހައްމަދު، ދީނާރު/ޅ.ހިންނަވަރު

މި މުބާރަތުގެ ވަނަ ވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމު ދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވަފައި ހުންނަވާ ސަފީރު އަދި މަސްވެރިކަމާ ކަނދުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްެވެ.

 

މިއަދު އޮންލައިން