1446 ވަނަ އަހަރުގެ ޙައްޖު މޫސުން ނިމި ދިވެހި ޙައްޖުވެރިން އެނބުރި ޤައުމަށް އައިސްފައިވާއިރު މިއަހަރުގެ ޙައްޖު މޫސުމަކީ ދިވެހި ޙައްޖުވެރިން އާ އެތައް ކަމެއް ތަޖުރިބާ ކުރެވުނު ޙައްޖެކެވެ. ޙައްޖުގެ ކަންކަން ހަރުދަނާ ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅާއެކު މި ދައުރު ފެށުނީއްސުރެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ހައްޖު ކޯޕަރޭޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވުނު އިރު މިއަހަރަކީ އެކަމުގެ ނަތީޖާ ފެނިގެންދިޔަ އަހަރެކެވެ.
އެގޮތުން ޙައްޖުވެރިން މިއަހަރު ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުންނެވެ. މީގެ ސަބަބުން ރާއްޖެއިން ފުރިއިރު ޙައްޖުވެރިންގެ ސަޢުދީ އިމިގްރޭޝަން ނިމިފައިހުރުމާއެކު ޖިއްދާ އެއާޕޯޓުގައި ޙައްޖުވެރިން މަޑުކުރަން ޖެހުނީ 10 ވަރަކަށް މިނެޓެވެ. ޙައްޖުވެރިން ވަނީ މިކަމުގެ ލުއިފަސޭހަކަމުގެ ވާހަކަ އުފަލާއެކީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން މިއަހަރުގެ ޙައްޖުގެ ޚިދުމަތްތަކަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ މިނާ އަދި ޢަރަފާތުގެ ފޭލިގެތަކުގެ ފެންވަރު މަތިކުރެވިގެންދިއުމެވެ. އެގޮތުން މިނާ ކެޓެގަރީ ސީ ކެޓަގަރީން ބީ ކެޓަގަރީއަށް ބަދަލުކުރެވުމާއެކު މިއަހަރު ދިވެހި ޙައްޖުވެރިންނަށް މިނާ ފޭލިގެތަކުގައި ވަނީ ސޯފާ އެނދު ލިބިފައެވެ. އަދި ފިނި ކުރުމުގެ ނިޒާމު ގާއިމްކުރެވި ޙައްޖުވެރިންނަށް މިނާގެ ކެއުންވެސް މީގެ ކުރީ އަހަރުތަކަށްވުރެ ފުރިހަމައަށް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.
މިފަދަ އެތައް ޚިދުމަތްތަކަކާއެކު ދިވެހި ޙައްޖުވެރިން ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު އެނބުރި ޤައުމަށް އައިސްފައިވަނީ ހިތްހަމަޖެހުމާއި އުފާވެރިކަމާއެކުއެވެ. ޙައްޖުވެރިންގެ ވާހަކަތަކުން މިކަންކަން ވަނީ ހާމަވެގެންގޮސްފައެވެ.
ޙައްޖުވެރިންނަށް ލުއިފަސޭހަވާނެ ފަދަ ގޮތްތަކަށް ކަންކަން ތަރުތީބުކުރެއްވުމަށް ފަސް ޖެހި ވަޑައިނުގަންނަވާނެކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މައްކާގައި ދިވެހި ޙައްޖުވެރިންނާއި ބައްދަލުކުރައްވާ ވަނީ ވިދާޅުވެފައެވެ. ޙައްޖުވެރިންނަށް ލުއިފަސޭހަ ކޮށްދެއްވުމަށް އެ ބައްދަލުކުރެއްވުމުގައި ޙައްޖުވެރިން އެދިލެއްވި ގޮތަށް ދިވެހި ޙައްޖުވެރިން ނަގާ ބޭސް ހިލޭ ލިބޭނެ އިންތިޒާމްވެސް ރައީސް ވަނީ ވަގުތުން ހައްދަވައިދެއްވާފައެވެ. މިކަމުން އެނގިގެންދަނީ ދިވެހި ޙައްޖުވެރިންނަށް ލުއިފަސޭހަކޮށްދިނުމަކީ މި ސަރުކާރުން ނުހަނު އިސްކަން ދެއްވާކަމެއް ކަމެވެ.
ހަބަރު: ސަރުކާރު