އެއްގަމު އުޅަނދުތަކަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބޭނެގޮތަށް އިތުރު އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފްކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
އެއްގަމު އުޅަނދުތަކަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބޭނެގޮތަށް އިތުރު އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފްކުރަނީ

އެއްގަމު އުޅަނދުތަކަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބޭނެގޮތަށް އިތުރު އިންޝުއަރެންސް ޕެކޭޖެއް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ތަޢާރަފްކުރެވޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މާލެ ފަހި ޕްރޮގްރާމްގެ ދަށުން މާލޭގެ ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމާއި، އުޅަނދުފަހަރު އިންޝުއަރެންސް ކުރުމުގެ އުސޫލަށް ބަދަލުގެނައުމާއި، ތާޑް ޕާޓީ އިންޝުއަރެންސްގެ އުސޫލުތައް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު މުޙައްމަދު އަމީން ފާހަގަކުރައްވައިފައިވެއެވެ.

ވަޒީރު އަމީން ވިދާޅުވިގޮތުގައި، ޓްރެފިކް މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކުގެ ޑްރާފްޓް އެކުލަވާލައި މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާރު އޮތް ޤާނޫނުގެ ދަށުންވެސް ހުރިހާ އިންޝުއަރެންސް ކުންފުނިތަކާއެކު އައު ކޮމްޕްރެހެންސިވް އިންޝުއަރެންސް ޕެކޭޖެއް ތައާރަފްކުރެވޭނެއެވެ.

ތާރޑް ޕާޓީ އިންޝުއަރެންސްއަކީ އެއް އުޅަނދަކުން އަނެއް އުޅަނދަކަށް ނުވަތަ ތަންތަނާއި މުދަލަށް ލިބޭ ގެއްލުމަށް ބަދަލު ދެވޭގޮތަށް ކުރެވޭ އިންޝުއަރެންސްއެކެވެ. މިހާރު މި އިންޝުއަރެންސް ރަމްޒީ އެއްޗެއްގެ ގޮތުގައި އޮތް އޮތުމަށް ނިމުމެއް ގެނެސް، ލިބޭ ގެއްލުންތަކަށް ފުރިހަމަ ބަދަލު ލިބޭނެ ގޮތް ހެދުމަށް މަސައްކަތްކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި އައު އިންޝުއަރެންސް ޕެކޭޖް ތަޢާރަފްކުރުމުން، އެއްގަމު އުޅަނދުތަކަށް ލިބޭ ގެއްލުންތަކަށް އެކަށީގެންވާ ބަދަލު ލިބި، އެފަދަ ހާދިސާތަކުގައި ރައްޔިތުންނަށް ކުރިމަތިވާ މާލީ ގެއްލުންތައް ކުޑަކުރެވޭނެ ކަމަށް އުންމީދުކުރެވެއެވެ.

މިއަދު އޮންލައިން