އަމިއްލަ ބޭނުމަށް އިންޑިޔާއިން ބޭސް ގެންނަ ފަރާތްތަކުން މޯލްޑިވިއަންގެ ކާގޯއޮފީހާ ގުޅައިގެން އެކަން ކުރުމަށް އެދެފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 12ސ
އަމިއްލަ ބޭނުމަށް އިންޑިޔާއިން ބޭސް ގެންނަ ފަރާތްތަކުން މޯލްޑިވިއަންގެ ކާގޯއޮފީހާ ގުޅައިގެން އެކަން ކުރުމަށް އެދެފި

އިންޑިޔާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އަންނަން އުޅުނު ދެ ދިވެހިން، ގަވާއިދާޚިލާފަށް ގިނަ އަދަދެއްގެ ބޭސް ހިފައިގެން އަންނަން އުޅެނިކޮން ފެނި، އިންޑިޔާގެ ކަސްޓަމްސް އިން ބޭސްތައް ހިފަހައްޓައިފިއެވެ.

ކަސްޓަމްގެ އެއާ އިންޓެލިޖަންސް ޔުނިޓުން އާދީތަ ދުވަހު ބޭސްތައް ހިފަހައްޓާފައިވަނީ ބޭނުންވާ ޑޮކިއުމަންޓް ތައް ނެތުމުގެ ސަބަބުން ކަމަށް ވެއެވެ.މިގޮތަށް ބަލްކް ކޮށް ބޭސް އެތެރެ ކުރަން ބޭނުން ނަމަ "ޓެކްނިކަލް އޮފިސަރ އޮފް ޑްރަގް ސެޓިފިކެޓް" ގެ އިތުރުން ޞައްހަ އިމްޕޯޓް އެކްސްޕޯޓް ލައިސަންސެއް އޮންނަން ޖެހެއެވެ.

ބޭސްތައް ހިފެހެއްޓުމަށްފަހު އެދެމީހުންނަށް ވަނީ ފުރުމަށް ހުއްދަ ދީފައެވެ. 

މިދެމީހުން ހޭންޑް ލަގެޖް ގައި 5 ކާޓޫނުގެ ބޭސް ގެންނަން މަސައްކަތް ކޮށްފައި ވެއެވެ. މިތަކެތީގެ އަގު އިންޑިޔާ ރުޕީސްގެ ތިންލައްކަ އާ ފަސްލައްކަ އާދެމެދު ވަރުވާނެ ކަމަށް އިންޑިޔާގެ މަނޮރާމާ ނޫހުގައި ބުނެފައިވެއެވެ.އަދި މިހާ ގިނަ ބޭސް އަތުން ހިފައިގެން ގެނައި ސަބަބެއް ނޭގޭ ކަމަށާ ބެލެވޭ ގޮތުގައި ރީޓެލް ކޮށް ވިއްކަން ކަމަށް ވެސް ވެދާނެކަމަށް ގަބޫލުކުރެވޭ ކަމަށް ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ވެއެވެ.

އަތުލެވުނު ބޭހުގެ ތެރޭގައި އެއްވެސްކަހަލަ މަނާ އަދި ކޮންޓްރޯލް ކުރެވިފައިވާ ބޭހެއް ވޭތޯ ބަލާނެ ކަމަށްވެސް އެފަރާތުން ބުނެފައި ވެއެވެ. މީގެ އިތުރުން ފުޅާ ދާއިރާއެއްގައި ޑްރަގް ސްމަގްލަ ކުރާ ނެޓްވާކް އަކާ މިމީހުންނާ އެއްވެސް ގުޅުމެއް އޮތްތޯވެސް ބަލާނެކަމަށް ވެސް ބުނެފައިވެއެވެ. 

މިހާދިސާއާއި ގުޅިގެން އިންޑިޔާގައި ހުރި މޯލްޑިވިއަންގެ އިސް އޮފިޝަލަކު މައުލޫމާތު ދީފައިވާ ގޮތުގައި އަމިއްލަ މީހެއްގެ ބޭސް ސިޓީއަށް، ކުޑަ އަދަދުން، އަތްމަތީ ދަބަހުގައި ބޭސްގެންނަ ނަމަ، ބޭސް ސިޓީ (ޕްރިސްކްރިޕްޝަން) އަދި ބޭސްގަތް ފާމަސީން ދޫކުރާ ރެސީޓް އޮތުން ކޮންމެހެންވެސް މުހިންމެވެ.މިދެލިއުން އޮތްނަމަ އެބޭހެއް ކަސްޓަމްސް އިން ދޫކުރާނެކަމަށް އޮފިޝަލް މައުލޫމާތު ދީފައި ވެއެވެ. މީގެ އިތުރުން އަމިއްލަ ބޭނުމަށް ގިނަ އަދަދަކަށް ބޭސް ގެންނަން ބޭނުންވާ ފަރާތްތަކުން އެއާޕޯޓް ކުރިމަތީގައި ހުންނަ މޯލްޑިވިއަންގެ ކާގޯ އޮފީހަށް ދިއުމުން ގަވާއިދާއި ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ބޭސް ގެންދިއުމަށް މަގުފަހި ކޮށްދޭނެ ކަމަށް އޮފިޝަލް މައުލޫމާތު ދީފައިވެއެވެ.

އިންޑިޔާއިން ބޭސް ބޭރުކުރުމުގެ ކަންތައް ހަރުކަށިކޮށްފައިވަނީ ޑޮކްޓަރީ ބޭހުގެ ނަމުގައި ޑްރަގް ސްމަގްލް ކުރުމުގެ ކަންތައް ބޮޑުވެގެންގޮސްފައިވާތީ ކަމަށް ވެއެވެ.

 

މިއަދު އޮންލައިން