ކްލެއިމް ކުރެވޭނެ އެންމެ ބޮޑެތި އަދަދުތައް އެގްރިމަންޓްގައި ހިމެނުމަކީ ޤާނޫނަށް ބަދަލު ގެނެސްގެންވެސް ކުރަންޖެހިފައިވާކަމެއް: އޮޑިޓަރ ޖެނެރަލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ކްލެއިމް ކުރެވޭނެ އެންމެ ބޮޑެތި އަދަދުތައް އެގްރިމަންޓްގައި ހިމެނުމަކީ ޤާނޫނަށް ބަދަލު ގެނެސްގެންވެސް ކުރަންޖެހިފައިވާކަމެއް: އޮޑިޓަރ ޖެނެރަލް

ދައުލަތުގެ އެގްރިމަންޓްތައް ބާތިލްކުރާއިރު ދައުލަތުން ބޮޑެތި އަދަދުތަކެއް ދައްކަންޖެހޭތީ، ކްލެއިމް ކުރެވޭނެ އެންމެ ބޮޑެތި އަދަދުތައް އެގްރިމަންޓްގައި ހިމެނުމަކީ ޤާނޫނަށް ބަދަލު ގެނެސްގެންވެސް ކުރަންޖެހިފައިވާކަމެއް ކަމަށް އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވި ގޮތުގައި، އޮޑިޓް ރިޕޯޓްތަކުން ފާހަގަވަމުންދާ ގޮތުގައި ބައެއް ފަރާތްތަކުން އޮޅުވާލައިގެން ފޯޖް ލިޔުންތައް ހުށަހަޅައިގެން ފައިސާ ހޯދަން މަސައްކަތްކޮށްފައިވެއެވެ.

"ދައުލަތާ ދެކޮޅަށް ހުށަހެޅިފައި ހުރި ބައެއް ކޭސްތަކުގައި އަޅުގަނޑުމެން މިހާރު އޭގެ ރިޕޯޓްވެސް ތައްޔާރުކުރަމުން މިދަނީ، އެބަހުރި ހަމަ ފޯޖް ލިޔުންތައް ހުށަހަޅާފައިވެސް،" އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވި ގޮތުގައި، މިފަދަ މައްސަލަތައް ތަޙްޤީޤު ކުރުމުގައި ބޭންކްތަކާއި އެހެނިހެން އިދާރާތަކުން އަސްލު ލިޔެކިޔުންތައް ހޯދައި، ސޮއިކޮށްފައިވާކަމަށް ބުނާ ފަރާތްތަކުގެ ބަހާއެކު މިހާރު މަސައްކަތް ކުރަމުންދެއެވެ.

އޮޑިޓަރ ޖެނެރަލް ހާމަކުރެއްވި ގޮތުގައި، މިހާރުވެސް މަސައްކަތްކުރަމުންދާ 4 ރިޕޯޓެއްގައި 100 މިލިއަނަށްވުރެ ބޮޑެތި އަދަދުތަކެއް ކްލެއިމްކުރުމަށް ހުށަހަޅާފައިވެއެވެ. މިކަމާ ގުޅިގެން ދައުލަތުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެގްރިމަންޓްތަކުގައި ކްލެއިމް ކުރެވޭނެ އެންމެ މަތީ އަދަދު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައި އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން