އިސްލާމީ އުސޫލުން %5 ފައިދާގައި ކުރިއަށްގެންދާ ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަށް ލޯނު ދޫކުރުމަށް ބީއެމްއެލްއާއެކު ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
އިސްލާމީ އުސޫލުން %5 ފައިދާގައި ކުރިއަށްގެންދާ ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަށް ލޯނު ދޫކުރުމަށް ބީއެމްއެލްއާއެކު ސޮއިކޮށްފި

އިސްލާމީ އުސޫލުން 5 އިންސައްތަ ފައިދާގައި ކުރިއަށްގެންދާ ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަށް ލޯނު ދޫކުރުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު ޝަރީފެވެ.

ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގެ ދަށުން ތިން ސްކީމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރަށްވެހި ފައިނޭންސިންގ ސްކީމްގެ ދަށުން އަތޮޅުތަކުން ހުށަހަޅާ ފަރާތްތަކަށް 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ލިބޭނެއެވެ. އަދި އަރބަން ސެންޓަރުތަކުން ސަހަރު ފައިނޭންސިންގ ސްކީމަށް އެދި ހުށަހަޅާ ފަރާތްތަކަށް 3 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ލިބޭނެއެވެ. މީގެ އިތުރުން މާލެ ސަރަހައްދަށް ޚާއްސަކޮށްގެން ހުޅުވާލާފައިވާ ފަހިމާލެ ފައިނޭންސިންގ ސްކީމްގެ ދަށުން ގޭގެ ބެހެނިވެރިންނާއެކު 6 މިލިއަން ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ލިބޭނެއެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މިއީ އިސްލާމީ އުސޫލުން 5 އިންސައްތަ ފައިދާގައި ކުރިއަށްގެންދާ ފައިނޭންސިންގ ޕްރޮގްރާމެއް ކަމަށާއި، ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ދެވޭނެ ކަމަށެވެ. އަދި މި ފައިނޭންސިންގއަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ނިސްބަތް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި އެއްބަސްވުމުގެ ދަށުން އަޅުގަނޑުމެންނަށް އެޕްލިކޭޝަންތައް ލިބުމުން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެޕްލިކޭޝަންތައް ލިބޭތާ ދެ ހަފްތާ ތެރޭގައި، އިވޭލުއޭޝަންގެ މަސައްކަތް ނިންމާ މިނިސްޓްރީއަށް ފޮނުވަން،" ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

މިއަދު އޮންލައިން