ރަށްވެހި ސްކީމަށް އެދި 1300އަށްވުރެ ގިނަ އެޕްލިކޭޝަން ވަނޯ ލިބިފަ: ވަޒީރު ޑރ.މުއްޠަލިބު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ރަށްވެހި ސްކީމަށް އެދި 1300އަށްވުރެ ގިނަ އެޕްލިކޭޝަން ވަނޯ ލިބިފަ: ވަޒީރު ޑރ.މުއްޠަލިބު

ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ސަރުކާރުން ތަޢާރަފުކޮށްފައިވާ "ހިޔާވެހި ފައިނޭންސިން ޕްރޮގްރާމް" އަށް އެދި 1300 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. މުއްޠަލިބު ދެއްވި މަޢުލޫމާތުގައި، "ރަށްވެހި ފައިނޭންސިންގ ސްކީމް" އަށް 1329 އެޕްލިކޭޝަން ލިބިފައިވާއިރު، އަރބަން ސެންޓަރުތަކަށް އަމާޒުކޮށްގެން 3 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭ "ސަހަރު ފައިނޭންސިންގ ސްކީމް" އަށް 586 އެޕްލިކޭޝަން ލިބިފައިވާކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، 6 މިލިއަނުން ފެށިގެން 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭ "ފަހިމާލެ ފައިނޭންސިން ސްކީމް" އަށް 341 އެޕްލިކޭޝަން ލިބިފައިވާކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމުގެ ދަށުން ލިބިފައިވާ އެޕްލިކޭޝަންތައް މިހާރު ދަނީ އެނަލައިޒްކުރެވެމުންކަމަށާއި، މި މަސައްކަތް ނިމުމާއެކު ބޭންކް އޮފް މޯލްޑިވްސްއަށް އެޕްލިކޭޝަންތައް ފޮނުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން މި ޕްރޮގްރާމް ތަޢާރަފުކޮށްފައިވަނީ މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އިމާރާތްކުރަން ނުފެށިވާ ނުވަތަ ފަށައި ނުނިމިހުރި ފަރާތްތަކަށް އެހީތެރިވުމުގެ މަޤްޞަދުގައެވެ. އަދި މާލޭގެ ތޮއްޖެހިފައިވާ ސަރަޙައްދުތަކުގައި ކުދި ގޯތިތައް އެއްކޮށްގެން ގެދޮރު އިމާރާތްކުރުމަށްވެސް މި ޕްރޮގްރާމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

މިއަދު އޮންލައިން