ރާއްޖޭގެ މާލީ ހާލަތު އިތުރަށް ހަރުދަނާ ކުރުމަށް ޗައިނާގެ ސައިނޯޝުއަރއާއެކު މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ރާއްޖޭގެ މާލީ ހާލަތު އިތުރަށް ހަރުދަނާ ކުރުމަށް ޗައިނާގެ ސައިނޯޝުއަރއާއެކު މަޝްވަރާކޮށްފި

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު، ޗައިނާގެ ސައިނޯޝުއަރ ކުންފުނީގެ އިސްވެރިންނާއެކު ބައްދަލުކުރައްވައި، ރާއްޖޭގެ މާލީ ހާލަތު އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ 10 ވަނަ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ޗައިނާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ އަދި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރާއެކު، ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ. ފަޟީލް ނަޖީބުގެ އިތުރުން، ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އަލީ ސާޖިދު ޝާކިރު، ސެކަންޑް ސެކްރެޓަރީ މިޒްނާ ވަޙީދު، އަދި މާލީ ވުޒާރާގެ ރިސޯސް މޮބިލައިޒޭޝަން އެނަލިސްޓް ރައުޙާ އިބްރާހީމް ބައިވެރިވެވަޑައިގަތެވެ.

ބައްދަލުކުރެއްވުމުގައި ސަރުކާރުން މިހާރު ކުރިއަށްގެންދާ މާލީ އިސްލާޙީ ފިޔަވަޅުތަކުގެ މަޢުލޫމާތު ހިއްސާކުރެއްވުމާއެކު، ދިވެހި ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ދައުލަތުގެ މަޝްރޫޢުތަކުގައި ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކަށް ދެމުންގެންދާ އަހައްމިއްޔަތުކަންވެސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ދެ ގައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުކުރެއްވުމެއް ކަމުގައި ބެލެވެއެވެ.

މިއަދު އޮންލައިން