ޝައިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޝައިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފި

މަރުޙޫމް ޝައިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރާ މިސްކިތުގެ ބިންގާ އިއްޔެ އަޅައިފިއެވެ. މި މިސްކިތުގެ ބިންގާ އަޅައިދެއްވީ މަރުޙޫމް ޝައިޚް ފަރީދުގެ ދެ ދަރިކަލުންނެވެ.

ޚިދުމަތް ޖަމިއްޔާއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި މިސްކިތަކީ 250 އަކަމީޓަރުގެ ބޮޑު މިންވަރަކަށް ބިނާކުރެވޭ، 455 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ވަރުގެ މިސްކިތެކެވެ. މި މިސްކިތް ބިނާކުރުމަށް ބޭނުންވާ 760،000 ރުފިޔާ މިހާރު ވަނީ ހަމަވެފައެވެ.

ޝައިޚް ފަރީދު ނިޔާވުމާ ގުޅިގެން، އެ މަނިކުފާނުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމަށް ޚިދުމަތް ޖަމިއްޔާއިން ފުރުޞަތު ހުޅުވާލުމާއެކު، ދުވަހެއް ނުވަނީސް ގިނަ ބައެއްގެ މާލީ އެހީތެރިކަން ލިބި، މިސްކިތް ބިނާކުރުމަށް ބޭނުންވާ ފައިސާ ހަމަވެފައިވެއެވެ.

"މިއަދު ﷲގެ ރަޙްމަތާއެކު މިވަނީ ޝައިޚް އިބްރާހިމް ފަރީދު (رحمه الله) ގެ ނަމުގައި ބަންގްލަދޭޝްގައި ބިނާ ކުރެވޭ މިސްކިތުގެ ބިންގާ އެޅިފައި،" ޚިދުމަތް ޖަމިއްޔާއިން ބުނެފައިވެއެވެ. އަދި މި މިސްކިތަކީ އިސްލާމީ އުންމަތަށް ފައިދާކުރަނިވި ޖީލެއް ބިނާކުރެވިގެންދާ މަރުކަޒަކަށް ވެގެން ދިޔުމަށް އެދި ދުޢާކޮށްފައިވެއެވެ.

ޝައިޚް ފަރީދަކީ ރާއްޖޭގައި ހިންގާ ޚިދުމަތް ޖަމިއްޔާގެ މުސްތަޝާރުގެ އިތުރުން ޝަރީޢާ ބޯޑުގެ ރައީސްގެ މަޤާމު ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ. އުމުރުފުޅުން 53 އަހަރުގައި ޝައިޚް ފަރީދު ނިޔާވީ މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހު މެލޭޝިއާގައެވެ.

 

މިއަދު އޮންލައިން