މެލޭޝިއާގެ ސޭލްސް އެންޑް ޓެކްސްގެ ޤާނޫނަށް ގެނައި ބަދަލާ ގުޅިގެން، އެ ޤައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް އޭގެ އަސަރު ނުކުރާނެ ގޮތަކަށް ކަންކަން ހަމަޖައްސަވާނެ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.
މެލޭޝިއާ ސަރުކާރުން ނިންމާފައިވާ ނިންމުމުގައި، އެ ޤައުމުގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ އަތުން 6 ޕަސެންޓްގެ ޓެކުހެއް ނެގުމަށް ހަމަޖެހިފައިވެއެވެ. މި ބަދަލަށް ޢަމަލުކުރަން ފަށާނީ އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވި ގޮތުގައި، މި ނިންމުން އިޢުލާނުކޮށް ތަންފީޒުކުރުމާ ދެމެދު ދީފައިވަނީ ވަރަށް ކުރު މުއްދަތެކެވެ. އަދި މިހާތަނަށް މެލޭޝިއާ ސަރުކާރުން މިކަން ރަސްމީކޮށް އަންގާފައި ނުވާކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"މިކަން ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވޭ. އަޅުގަނޑުމެން މިހާރު މިކަން ވަރަށް ގާތުން ބަލަމުން މި ގެންދަނީ،" ވަޒީރު ވިދާޅުވިއެވެ.
މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތަޢުލީމު ހާސިލުކުރަމުންދާ ޤައުމަކަށް ވުމާއެކު، މި ބަދަލުން ދިވެހި ދަރިވަރުންނަށް ކުރާނެ އަސަރު ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް ވީ އެންމެ އަވަހަކަށް އަޅުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.