ތިމާވެށި ދުވަސް ފާހަގަ ކުރުމަށް މިނިސްޓަރ ޠާރިޤު އިބްރާހީމް ހައްދުންމައްޗަށް ވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތިމާވެށި ދުވަސް ފާހަގަ ކުރުމަށް މިނިސްޓަރ ޠާރިޤު އިބްރާހީމް ހައްދުންމައްޗަށް ވަޑައިގެންފި

ދުނިޔޭގެ ތިމާވެށި ދުވަސް 2025 ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާއާއި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، މިނިސްޓަރ އޮފް ޓޫރިޒަމް އެންވަޔަރަންމަންޓް، އޮނަރަބަލް ޠާރިޤް އިބްރާހީމް، ލ. އަތޮޅު (ހައްދުންމަތި) އަށް ވަޑައިގެންފިއެވެ. އެ މަނިކުފާނު މި އަތޮޅަށް ވަޑައިގެންނެވީ، ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޚާއްސަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލެއްވުމަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރު ޠާރިޤް އިބްރާހީމް ހައްދުންމައްޗަށް ވަޑައިގެންނެވީ، ދުނިޔޭގެ ތިމާވެށި ދުވަހުގެ މުނާސަބަތުގައި ލ. އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާގައި، ތިމާވެއްޓަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، މި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށް، ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެކި ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

މިނިސްޓަރުގެ މި ދަތުރުފުޅަކީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ދެއްވާ ސަމާލުކަމާއި، މިފަދަ ގައުމީ މުނާސަބަތުތައް މާލެއިން ބޭރުގެ އަތޮޅުތަކުގައި ފާހަގަކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ދަތުރުފުޅެކެވެ. މި ހަރަކާތްތަކުގެ ތެރެއިން ލ. އަތޮޅުގެ ރައްޔިތުންނާއި، ޚާއްސަކޮށް ޒުވާނުންނާއި ކުޑަކުދިންގެ ތެރޭގައި ތިމާވެށި ރައްކާތެރިކުރުމުގެ ރޫހު އާލާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެއްޓާ އެކު އުޅުމަށް ބާރުއެޅިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

މިފަދަ ހަރަކާތްތަކުގެ ސަބަބުން، ތިމާވެއްޓަށް ކުރިމަތިވެފައިވާ ބޮޑެތި ބަދަލުތަކުން ރައްކާތެރިވުމަށް ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީން ހާމަކުރައްވައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން