ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ރައީސާއި ބޮޑުވަޒީރާ އެކު ބޭއްވެވި ބައްދަލުވުންތަކަކީ ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްއާ އެކު ބޭއްވެވި ބައްދަލުވުންތަކުގައި ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ދެވިދާނެ އިތުރު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު އެކުލަވާލެވުނު އެއްބަސްވުންތަކުގެ ދަށުން މީހުން ބިނާކުރުމުގެ ދާއިރާއިން ސިންގަޕޫރުގެ އެހީތެރިކަން އިތުރަށް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ސްޓަޑީ ވިޒިޓްތަކާއި، މަތީ ތައުލީމާއި ވޮކޭޝަނަލް ތަމްރީނުތަކުގެ އިތުރުން ތިމާވެށީގެ ދާއިރާއިން އެހީތެރިކަން ހިމެނެއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި އެއްބަސްވުންތަކާ އެކު ރާއްޖެއާއި ސިންގަޕޫރާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އަދި ދެ ގައުމުގެ ދެމެދު ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރަނިވި ނަތީޖާތަކެއް ލިބޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ދެމެހެއްޓެނިވި ގުޅުން އިތުރަށް ހަރުދަނާކޮށް، އިޤްތިޞާދީ އަދި އިޖްތިމާއީ ގުޅުންތައް އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.