ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި މުހިއްމު ތިން ދާއިރާއަކުން އެއްބަސްވުންތަކެއްގައި ސޮއިކުރެވިއްޖެއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވަނީ ސިންގަޕޫރުގެ ރައީސްގެ ދަޢުވަތަކަށް ރައީސް ޑރ.މުޢިއްޒު އެ ޤައުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ޤާބިލްކަން އިތުރުކުރުމުގެ ދާއިރާއިން ސޮއިކުރެވުނު ފުރަތަމަ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. ސިންގަޕޫރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޑރ. ވިވިއަން ބަލަކްރިޝްނަންއެވެ.
ދެވަނައަށް ސޮއިކުރެވުނު އެއްބަސްވުމަކީ ދެމެހެއްޓެނިވި ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެކުލަވާލެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ. ސިންގަޕޫރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ސަސްޓެއިނިބިލިޓީ އެންޑް އެންވަޔަރަމަންޓް އަދި ޓްރޭޑް ރިލޭޝަންސްގެ ވަޒީރު ގްރޭސް ފުއެވެ.
ތިންވަނަ އެއްބަސްވުމަކީ މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސިންގަޕޫރުގެ އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަނާއެކު ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދެވެ. އައިޓީއީ އެޑިއުކޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ މުއައްސަސާގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ ގޮއް މޮންގް ސޮންގްއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރެވުނު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ބައިވެރިވެވަޑައިގެންނެވިއެވެ. މި އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.