ރާއްޖެއާއި ސިންގަޕޫރާ ދެމެދު ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް، ހަނދާނީ ފިލާ ދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
ރާއްޖެއާއި ސިންގަޕޫރާ ދެމެދު ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް، ހަނދާނީ ފިލާ ދެއްވައިފި

ރާއްޖެއާއި ސިންގަޕޫރާ ދެމެދުގައި ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމަށް މަސައްކަތް ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އެފަރާތްތަކަށް ހަނދާނީ ފިލާ ދެއްވައިފިއެވެ. މި ފިލާ ދެއްވާފައިވަނީ ސިންގަޕޫރުގައި ބޭއްވުނު ބިޒްނަސް ފޯރަމްގައެވެ.

މި ހަނދާނީ ފިލާތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި އެވޯޑް ވަކިވަކި ފަރުދުންނަށާއި، ރާއްޖެއާއި ސިންގަޕޫރުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރި އެކި ކުންފުނިތަކަށް ވަނީ ދެވިފައެވެ.

މި އެވޯޑް ލިބުނު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ގުޅުން ބިނާކުރުމަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަލްމަރުޙޫމް އަލީ އުމަރު މަނިކު، އަލްމަރުޙޫމް ހުސައިން ޢަބްދުﷲ، އަލްމަރުޙޫމް އަހްމަދު ދީދީ، އަލްމަރުހޫމް މުޙައްމަދު އާދަމް މަނިކު (ސަރަނގު މުޙައްމަދު ކަލޭގެފާނު)، އަދި އަލްމަރުޙޫމް މުޙައްމަދު ޔޫސުފްގެ އިތުރުން، މުޙައްމަދު ޞާލިހް، އަލީ އަހުމަދު، މައްލާ އަޙްމަދު ނާޞިހު، މުޙައްމަދު ޝަހުދީ އަންވަރު، މުޙައްމަދު އަލީ ޖަނާހް، ޝުއައިބް ޝާ، އަދި ކެނެތް ޕެރޭރަރ އެވެ.

ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް އެވޯޑް ލިބުނު ކުންފުނިތަކުގެ ތެރޭގައި ސިންގަޕޫރް އެއަރލައިން، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)، ސިންގަޕޫރު އެއަރޕޯޓް ސަރވިސަސް ލިމިޓެޑް، އެކުއަޓިކް ލޭންޑް ގްރޫޕް، ޖޯންސް ލޭންގް ލަސެލް، ބޮންވެސްޓް ހޯލްޑިންގް ލިމިޓެޑް، ސީޑީއެލް ހޮސްޕިޓާލިޓީ ޓްރަސްޓް، ވިލާ ގްރޫޕް، ޗަމްޕާ ބްރަދާރސް، ހޮޓަލް ޕްރޮޕަރޓީސް ލިމިޓެޑް، ކިއޮންގް ހޮންގް ހޯލްޑިން ޕްރައިވެޓް ލިމިޓެޑް، ކްރެސެންޑަރސް ގްރޫޕް، އަދި ބެންޔަން ގްރޫޕް ހިމެނެއެވެ.

މި އެވޯޑްތަކަކީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދުގައި ކުރިއަށް އޮތް ތަނުގައިވެސް ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ހިތްވަރެއް ދިނުމުގެ ގޮތުން ދެވުނު އެވޯޑްތަކެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން