ކ. ދިއްފުށީގައި އަލަށް ޤާއިމްކުރާ އިންޖީނުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ކ. ދިއްފުށީގައި އަލަށް ޤާއިމްކުރާ އިންޖީނުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ

ކ. ދިއްފުށީގައި އަލަށް ޤާއިމްކުރަމުންދާ ޒަމާނީ އިންޖީނުގެ އާއި ކޮންޓްރޯލް ރޫމްގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެއެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށިފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގައި ކަމަށް ސްޓޭޝަން މެނޭޖަރ ހުސެއިން ޝާފިއު މަޢުލޫމާތު ދެއްވިއެވެ.

ޝާފިއު ވިދާޅުވި ގޮތުގައި، މިހާރު ކުރަމުންދަނީ ކުރީގެ އިންޖީނުގެ އައު އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތެވެ. އަދި އިންޖީނު އިންސްޓޯލްކޮށް ޓެސްޓުކުރުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. މިހާރު ބާކީ ހުރީ ތަނުގެ ފިނިޝިންގ މަސައްކަތާއި ޕަވަރ ހައުސްގެ ދެ އިންޖީނުގެ ގުޅުވާލުމުގެ މަސައްކަތެވެ.

މިހާރު ބޭނުންކުރަމުންދާ އިންޖީނުގޭގެ ކަރަންޓު ކެޕޭސިޓީއަކީ 2,200 ކިލޯވޮޓް ކަމަށްވާއިރު، އައު އިންޖީނުގޭގައި 7 މެގަވޮޓްގެ ކެޕޭސިޓީ ހުންނާނެކަމަށް ޝާފިއު ވިދާޅުވިއެވެ. މިއީ މިހާރުގެ އިންޖީނުގެއާ އަޅާބަލާއިރު ތިން ގުނައަށްވުރެ ބޮޑު އިތުރުވުމެކެވެ.

އާ އިންޖީނުގެ އެޅުމަށް 30,000 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖެހިފައެވެ. މިއީ އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ހުންނަ ބިމެކެވެ. އައު އިންޖީނުގޭގައި މުވައްޒަފުންގެ ދެ ކޮޓަރީގެ އެކަމަޑޭޝަން ބްލޮކްތަކާއި، ކެއްކޭނެ ތަނަކާއި، ކޮފީ ކޯނަރއެއް އަދި ނަމާދުކުރާ ކޮޓަރިއެއްވެސް ހިމެނެއެވެ.

ޝާފިއު ވިދާޅުވި ގޮތުގައި، މި އައު އިންޖީނުގެއިން ސްޓެލްކޯގެ މަސައްކަތަށް ވަރަށް ބޮޑު ލުޔެއް ލިބި، އެތެރޭގެ ޚަރަދުތައްވެސް ވަރަށް ބޮޑަށް ކުޑަކުރެވޭނެއެވެ. އަދި މުވައްޒަފުންގެ ހުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ގެތައް ކުއްޔަށް ހިފަން ޖެހުމުގެ މައްސަލަވެސް މި އައު އިންޖީނުގެއާއެކު ހައްލުވެގެންދާނެކަމަށެވެ.

މިއަދު އޮންލައިން