ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމުމަށް ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމުމަށް ހަމަޖައްސައިފި

އިންޑިއާ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ތަރައްގީ ކުރަމުންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމުމަށް ހަމަޖެހިފައިވާކަމަށާއި ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުاللهމުއްޠަލިބް އެކްސްގައި ހިއްސާކުރި ޓްވީޓެއްގައި ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުގެ މަސައްކަތުގެ ޖުމްލަ 88.7 އިންސައްތަ ނިމިފައިވާއިރު، އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް ވަނީ މުޅިން ނިމިފައެވެ. އަދި ފަސިންޖަރުން ބޭނުންކުރާ ޓާމިނަލް ޢިމާރާތުގެ މަސައްކަތުގެ 83 އިންސައްތަ ވަނީ ނިމިފައެވެ. މީގެއިތުރުން، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، ހެންގަރު އަދި ކާގޯ ބިލްޑިންގގެ މަސައްކަތުގެ 96 އިންސައްތަ ވަނީ ނިމިފައިކަން ފާހަގަކުރެވެއެވެ.

މި މަޝްރޫޢަކީ އުތުރުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އެ ސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެއްކަން ފާހަގަކުރެވެއެވެ. ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަކީ އުތުރުގެ ސަރަހައްދުގެ ތަރައްޤީއަށް ހުޅުވިގެންދާނެ ބޮޑު ދޮރެއްގެ ގޮތުގައި ފެންނަމުންދާއިރު، މިއީ ސަރަހައްދުގެ އިޤްތިޞާދާއި ފަތުރުވެރިކަމަށް މުހިންމު ކުރިއެރުންތަކެއް ގެނެސްދޭނެ މަޝްރޫޢެއް ކަމަށް ބެލެވެއެވެ. މަޝްރޫޢު ނިމުމުން، ހަނިމާދޫއަށް ބައިނަލްއަޤްވާމީ ބޮޑެތި ފްލައިޓްތަކަށް ވެސް ޖެއްސޭނެ ގޮތް ހަމަޖެހި، ސަރަހައްދުގެ ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ލިބިގެންދާނެއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން