ވީއައިޕީ ހިންގުން ދުބާއީގެ ކުންފުންޏަކާ ހަވާލުކުރަން ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް: ސަރުކާރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ވީއައިޕީ ހިންގުން ދުބާއީގެ ކުންފުންޏަކާ ހަވާލުކުރަން ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް: ސަރުކާރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ވީއައިޕީ ހިންގުން ދުބާއީގެ ކުންފުންޏަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ. މި ވާހަކަތައް ދޮގުކުރައްވާފައިވަނީ ސޯޝަލް މީޑިއާގައި މިކަމާ ގުޅޭގޮތުން ދޮގު މައުލޫމާތުތަކެއް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ސަރުކާރުގެ މި އޮފިޝަލު ވިދާޅުވީ، ވީއައިއޭގެ ވީއައިޕީ ހިންގުން ދުބާއީގެ ކުންފުންޏަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. މީގެ އިތުރުން އޭނާ ހާމަކުރެއްވި ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެއްވެސް ޓަރމިނަލެއް ހިންގުން ބޭރު ބަޔަކާއި ހަވާލުކުރަން ނިންމާފައި ނުވެއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް އަބަދުވެސް އެކި ކުންފުނިތަކުގެ މަޝްރޫއުތަކުގެ ޕްރޮޕޯސަލް ލިބޭކަން ފާހަގަކުރައްވައި، ސަރުކާރުގެ އޮފިޝަލު ވިދާޅުވީ ދުބާއީގެ ކުންފުންޏަކުންވެސް ޕްރޮޕޯސަލެއް ލިބިފައިވާކަމަށެވެ. ނަމަވެސް އެ ޕްރޮޕޯސަލާ ގުޅިގެން މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ އެއްވެސް ކަމެއް އެ ކުންފުނިން ނިންމާނީ ކުންފުންޏާއި ޤައުމުގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދީގެންކަމަށްވެސް ސަރުކާރުގެ އޮފިޝަލު އިތުރަށް ވިދާޅުވިއެވެ.

ވީއައިއޭގެ ވީއައިޕީ ޓަރމިނަލް ހިންގުން ދިގު މުއްދަތަކަށް ބޭރުގެ ކުންފުންޏަކާ ހަވާލުކުރަން ނިންމާފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދަނީ ދޮގު މައުލޫމާތު ފަތުރަމުންނެވެ. މި ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއްކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.

މިއަދު އޮންލައިން