އައު ޓާމިނަލް ހުޅުވާއިރު ހަވާ އެރުވުން ޔަހޫދީންނަށް ވާގިވެރިވާ ކުންފުންޏަކާ ހަވާލުކުރި ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް: އެމްއޭސީއެލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
އައު ޓާމިނަލް ހުޅުވާއިރު ހަވާ އެރުވުން ޔަހޫދީންނަށް ވާގިވެރިވާ ކުންފުންޏަކާ ހަވާލުކުރި ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް: އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ހަރަކާތްތަކުގެ ތެރެއިން ހަވާ އެރުވުމަށް ޔަހޫދީންނަށް ވާގިވެރިވާ ކުންފުންޏަކާއި ހަވާލުކޮށްފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއްކަމަށް، އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވެއްޖެއެވެ. މިކަމާއި ގުޅިގެން މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ އެއްވެސް އަސްލެއް ނެތް ޚަބަރުތަކެއްކަމަށް އެމްއޭސީއެލްއިން ވަނީ ބަޔާނެއް ނެރުއްވައިފައެވެ.

އެމްއޭސީއެލްއިން ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެމް.އޭ.ސީ.އެލްއަކީ ސައްތައިން ސައްސައްތަ ދިވެހިންގެ ކުންފުންޏަކަށްވާތީ، ދިވެހިންގެ ވިންދާއި ނުގުޅޭ އެއްވެސް ޢަމަލެއް އެ ކުންފުނިން ކޮށްފައިނުވާނެކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ޢަމަލެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށްވެސް އެމްއޭސީއެލްއިން ވަނީ ހާމަކުރައްވާފައެވެ.

މީގެއިތުރުން ބްރޯޑްކާސްޓް މީޑިއާއަކުން ފަތުރަމުންދާ ހަގީގަތާއި ޚިލާފު ވާހައަކީ އެއްވެސް އަސްލެއްނެތް، އަދި ކުންފުނީގެ އަގު ވައްޓާލުމަށްޓަކައި ދައުރުކުރަމުން ގެންދާ ވާހަކަތަކެއްކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ. އެހެންކަމުން އެކަމާއި ގުޅިގެން އެޅެން ހުރި ޤާނޫނީ ފިޔަވަޅުތައް މިހާރު ބަލަމުން ގެންދާކަމަށާއި، އެގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އެ މައްސަލަ ހުށައެޅުމަށްޓަކައި މަސައްކަތް ފަށާފައިވާކަމަށްވެސް އެމްއޭސީއެލްއިން ވަނީ ބަޔާނުގައި ފާހަގަކުރައްވާފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލްއިން ދަނީ ގިނަ ތައްޔާރީތަކެއް ވަމުންނެވެ. 

މިއަދު އޮންލައިން