އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ މަޝްރޫޢު އަކީ ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށްވުމުގެ މަސައްކަތަށް ބޮޑު ބާރެއް: މައުރޫފް ޖަމީލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ މަޝްރޫޢު އަކީ ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށްވުމުގެ މަސައްކަތަށް ބޮޑު ބާރެއް: މައުރޫފް ޖަމީލް

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު މައުރޫފް ޖަމީލް ވިދާޅުވެފައިވަނީ، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ މަޝްރޫޢުވެގެންދާނީ ދިވެހިރާއްޖެ، ތަރައްޤީވެފައިވާ ޤައުމަކަށްވުމަށް ކުރާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ކަމަށެވެ. މައުރޫފް ޖަމީލް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުންނެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިތުރަށް ވިދާޅުވީ، ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ހިއްކާފައިވާ އިކޮނޮމިކް އޭރިއާގައި ތަރައްޤީކުރުމަށް ނިންމާފައިވާ އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރގެ މަޝްރޫޢު ޕްލޭން ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދަށް ކުރިމަގުގައި ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫޢެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މި މަޝްރޫޢު މިހާރު އޮތްގޮތަށް ރަނގަޅަށްދާނަމަ، ރަނގަޅު ފެންވަރުގެ އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް އުފެދޭނެ. މިއީ ރާއްޖޭގެ ކުރިމަގާ ގުޅިފަވާ، އިޤްތިޞާދު މުޅިން ތަފާތު ލެވަލްއަކަށް ގެންދާނެ މަޝްރޫޢުއަކަށްވާނެ. ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ދިވެހިރާއްޖެ ތަރައްޤީވެފަވާ ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތްތަކަށް ބޮޑު ކޮންޓްރިބިއުޝަނަކަށްވާނެ." އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.

މި މަޝްރޫޢަކީ ދިވެހި ސަރުކާރުން 2040 ވަނަ އަހަރަށް ދާއިރު، ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ބަދަލުކުރުމަށް އަމާޒު ހިފާފައިވާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. މި ސެންޓަރ ތަރައްޤީވުމުން ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

މިއަދު އޮންލައިން