މި ދުވަސްވަރު ރާއްޖޭގައި ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ރިޕޯޓްކުރާ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ވަނީ ވޭތުވެދިޔަ ހަފްތާތަކުގެ ތެރޭގައި ބޭރަށް ހިންގުމާއި ހޮޑުލުމާއި އިންފްލުއެންޒާ ފަދަ ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ރިޕޯޓްކުރެވިފައިވާ އަދަދުތައް އާންމުންނާ ހިއްސާކުރައްވާފައެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫންމަހުގެ 15 ވަނަ ދުވަހުން ފެށިގެން މި ހިންގާ ޖުލައި މަހުގެ 5 ވަނަ ދުވަހާއި ހަމައަށް، ބޭރަށް ހިންގުމާއި ހޮޑުލުމުގެ ސަބަބުން މުޅި ޖުމްލަ 3763 ކޭސް އެޗްޕީއޭއަށް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރޭއިން 2370 ކޭސް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޚާއްސަކޮށް ބޭރަށް ހިންގުމާއި ހޮޑުލުމުގެ ސަބަބުން މިދިޔަ ހަފްތާގައި ރެކޯޑްކޮށްފައިވާ ކޭސްތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވެއެވެ. މިކަމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.