ގުޅީ ބިން ހިއްކުމުގެ މަޝްރޫގެ ދަށުން ހިއްކަން ހަމަޖެހިފައިވާ ސަރަހައްދު އެއްކޮށް ހިއްކާ ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ގުޅީ ބިން ހިއްކުމުގެ މަޝްރޫގެ ދަށުން ހިއްކަން ހަމަޖެހިފައިވާ ސަރަހައްދު އެއްކޮށް ހިއްކާ ނިންމާލައިފި

ކ. ގުޅީ ބިން ހިއްކުމުގެ މަޝްރޫގެ ދަށުން ހިއްކަން ހަމަޖެހިފައިވާ ސަރަހައްދު އެއްކޮށް ހިއްކާ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުއެވެ.

ގުޅިއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ އެ ވައުދުފުޅާ އެއްގޮތަށް ގުޅީ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށީ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުގައެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީން ވިދާޅުވީ، ގުޅީ ބިންހިއްކުމުގެ މަސައްކަތުގެ ދަށުން ހިއްކަން ހަމަޖެހިފައިވާ 10.15 ހެކްޓަރ މިހާރު ހިއްކާ ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ އެ މަޝްރޫއުގެ ދަށުން ކުރިއަށްދާ ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަސައްކަތްކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.

އެގޮތުން ރޮކް ބޯލްޑަރ ރިވެޓްމަންޓްގެ މަސައްކަތުގެ %53 ނިމިފައިވާ ކަމަށާއި މުޅި މަޝްރޫޢުގެ ޖުމްލަ %70 މިހާރު ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އެ ކުންފުނީގެ އަމާޒަކީ މުޅި މަޝްރޫއުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލައް ނިންމާލުމެއެވެ.

ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މާރިޗުމަހުގައެވެ. މި މަޝްރޫޢާއެކު ގުޅީ ބިން 2 ގުނައަށް އިތުރުވެގެންދާނެކަމަށް ލަފާކުރެވެއެވެ. މި މަޝްރޫޢުގެ ދަށުން 940 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން