އަދުގެ ސަރުކާރުން ގެންގުޅުއްވާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ގިނަ ޤައުމުތަކާއެކު ވަރަށް ގާތް ގުޅުމެއް އުފެދިއްޖެ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމެންޓްރީ އިފްތިތާޙުކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދަށުން ޗައިނާއާއި އިންޑިޔާއާއި އެމެރިކާފަދަ ބޮޑެތި ޤައުމުތަކާއެކު ދިވެހިރާއްޖޭގެ ގުޅުންތައް ވަރަށް ބޮޑަށް ބަދަހިވެފައިވެއެވެ. މީގެ އިތުރުން، ޢަރަބި ދުނިޔެއާވެސް ދިވެހިރާއްޖޭގެ ގާތް ގުޅުންތަކެއް ޤާއިމުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވި ގޮތުގައި، މިގޮތަށް އުފެދިފައިވާ ގާތް ގުޅުންތަކުގެ އެންމެ ބޮޑު ނަތީޖާއަކީ، ދިވެހިރާއްޖެއަށް ދިމާވާ އެކި މައްސަލަތަކަށް ހައްލު ހޯދުމުގައި ބޭރުގެ އެހީތެރިކަން ފަސޭހައިން ލިބިގެންދިއުމެވެ. އެހެންކަމުން، މި ގާތް ގުޅުންތައް ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށާއި، މި ގުޅުންތަކަށް ބުރުއަރާނެ ކޮންމެ ކަމަކުން ކޮންމެ ދިވެއްސަކުވެސް ދުރުވާންޖެހޭކަމަށް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއަށް ފައިދާވާ އަދި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތަށް އިޙުތިރާމުކުރާ ކޮންމެ ޤައުމަކާއެކުވެސް ރާއްޖެއިން ގުޅުން ބާއްވާނެ ކަމަށެވެ. އަދި ޚާރިޖީ ގޮތުން ރަނގަޅު ސިޔާސަތުތަކެއް ހިފެހެއްޓުމުގައި ދިވެހިރާއްޖެއަކީ ބޭރު ދުނިޔޭގައި މަޝްހޫރު ޤައުމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ޚާރިޖީ ސިޔާސަތުތަކާއި ގާތް ގުޅުންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބައިނަލްއަޤުވާމީ ޖަމިއްޔާތަކާއި ކޮމިޝަންތަކުގެ މެންބަރުކަމަށް ދިވެހިރާއްޖެ އިންތިޚާބުވެފައިވާ ކަމެވެ. މިކަންކަމުން ދައްކުވައިދެނީ، ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ދައުރު ފުޅާވެ، އިތުބާރު ބޮޑުވެފައިވާ މިންވަރެވެ.