މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، މޫދުކުޅިވަރާއި މޫދުގައި ހިންގާ ތަފާތު އެހެން ހަރަކާތްތައްވެސް މޫސުން ރަނގަޅުވަންދެން ކުރިއަށް ނުގެންދިއުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވައިގަދަވެ ކަނޑު ގަދަ ކަމަށެވެ. މިހެންކަމުން މޫސުން ރަނގަޅު ނުވަނީސް ކަނޑުމަތީގެ ހަރަކާތްތައް މަދުކޮށް، ސަމާލުވުމަށް އެ މުއައްސަސާއިން ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތަކުގެ ރިޕޯޓުތައް މިހާރުވެސް ލިބެމުންދެއެވެ. އެ މުއައްސަސާއިން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންގެ ރައްކާތެރިކަމަށްކަން ފާހަގަކުރައްވައި ފުލުހުން ވިދާޅުވީ، ކަނޑު ދަތުރުތަކުގައި ފުރުމުގެ ކުރިން މޫސުމާބެހޭ ޤައުމީ އިދާރާއިން މޫސުމުގެ އެންމެ ފަހުގެ މައުލޫމާތު ބެލުމަށް ވަރަށް ބޮޑަށް އިލްތިމާސްކުރައްވާ ކަމަށެވެ.
މީގެ އިތުރުން ދަތުރުކުރާ އުޅަނދުފަހަރުގެ ރައްކާތެރިކަމަށްޓަކައި، ދަތުރުކުރަން ފެށުމުގެ ކުރިން އުޅަނދު ބަރާބަރަށް ބެލެހެއްޓިފައި ހުރިތޯއާއި، ރައްކާތެރިކަމުގެ ހުރިހާ ވަސީލަތްތަކެއް ފުރިހަމައަށް ހުރިތޯވެސް ޔަގީންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.