މާލެއަށް ބޯކޮށް ވާރޭވެހި މަގުތައް ފެންބޮޑުވަމުންދާތީ، ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފްއިން ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް މިހާރު ކުރިއަށްދަނީ މާލޭގެ ތިން ސަރަހައްދެއްގައެވެ.
އެމްއެންޑީއެފްއިން މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވަމުންދާތީ، ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް މިހާރު 3 ސަރަހައްދެއްގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން މާފަންނު ވެސްޓް ޕާކު ސަރަހައްދާއި، އައިޖީއެމްއެޗް ސަރަހައްދުގެ އިތުރުން ސަލްމާނު މިސްކިތް ހިމެނޭ ސަރަހައްދުގައި އެމްއެންޑީއެފްގެ ސިފައިން މިވަގުތު ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް އެ ޕޯސްޓުގައި ވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ކުރިއަށް އޮތް ދެތިން ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ވިއްސާރަކުރަމުންދާނެކަމަށް ވިދާޅުވެފައެވެ. ވުމާއެކު، އާންމު ރައްޔިތުން މޫސުމަށް ސަމާލުވުމަށް އެދިފައި ވެއެވެ.