ޢިބްރަތްތެރި ވާހަކަ-: ކިތަންމެ ގާތަސް ގޭގަ ބަހައްޓަން ހެޔޮނުވާނެ! ޝުކުރުވެރިވާން ކުރާނެ ކަމަކީ ފިރިމީހާ ޖަހައިގަތުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ޢިބްރަތްތެރި ވާހަކަ-: ކިތަންމެ ގާތަސް ގޭގަ ބަހައްޓަން ހެޔޮނުވާނެ! ޝުކުރުވެރިވާން ކުރާނެ ކަމަކީ ފިރިމީހާ ޖަހައިގަތުން!

އަޅުގަނޑުގެ ޢުމުރުން 50 އަހަރާއި ކައިރިވެފައި ވަނިކޮށް ކުޑައިރުގެ ރަޙްމަތްތެރިއަކު އެދުނީ ގޭގައި ދުވަސްކޮޅަކު ބަހައްޓައިލަދިނުމަށެވެ. އެއީ އޭނާ ވަޒީފާ އަދާކުރަނީ ހުޅުމާލޭގައި ކަމަށްވުމުން ފަސޭހައަކަށެވެ. ބުނީވެސް ތަނެއް ލިބެންދެން ބަހައްޓައިލަ ދިނުމަށެވެ.  

އޭނާއަކީވެސް އަޅުގަނޑާއި އެއް ޢުމުރުގެ އެކަނިވެރި މައެކެވެ. ކުދިން ބޮޑެތިވެ ދިރިއުޅެނީވަކިންނެވެ. އޭނާ ދިރިއުޅެނީ ތަނެއް ކުއްޔަށް ހިފައިގެން އެކަންޏެވެ. އެހެންވެ ގޭގައި ކޮޓަރިއެއް ހުރުމުންނާއިއެކު އެއްވެސް އަގެއްވެސް ނުނަގާ ބެހެއްޓީއެވެ. ކައްކައި ކާންވެސް ދިނީއެވެ. ހަމަ ހިލޭ ސާބަހަށެވެ. އެކުވެރިއަކަށް ހެޔޮކޮށް ހިތުމުގެ ބޭނުމުގައެވެ.  

މަސް ދެމަހަށް ބަދަލުވެ 3 މަސްވެގެން ދިއައިރުވެސް ތަނެއް ލިބުނު ކަމަކަށް ނުވެއެވެ. ޖަހާފައި ހުންނަ އިޝްތިހާރުވެސް ބައެއް ދުވަސްދުވަހު ދައްކަމެވެ. އެކަމަކު އެހައި ގިނައަކުން އެވާހަކައެއް ނުދައްކަމެވެ. އެއީ އޭނާ ދެރަވެދާނެތީއެވެ. އޭނާ ބަހައްޓަން ބޮޑު ކަމަކަށް ވެގެން އުޅެނީކަމަށް ހީވެދާނެތީއެވެ.  

އެއްރޭ ބާޒާރުކޮށްލައިގެން ގެއަށް އައިއިރު ބަދިގެ ތެރޭގައި ފިރިމީހާ ޢާއި ދެމީހުން ބައްދައި ދޮންދެނީއެވެ. އެއްވެސް އެއްޗެއްވެސް ނުބުނެވެނީސް ދެމީހުންވެސް ބުނީ ސަމާސަކޮށްލީ ކަމަށެވެ. އެއްވެސް ނުބައި ނިޔަތެއް ނެތި ކަމަށެވެ. ޖަވާބުގައި ބުނީމެވެ. "އަހުރެންވެސް މިކުރަނީ ހަމަ ސަމާސާއެވެ. ތިއަ ސަމާސާ މާމައްޗަށް ނުދަނީސް އަވަހަށް މިގެއިން ދާށެވެ! މިއީ ފިރިމީހާގެ ގެއެއް ނޫނެވެ. އަހުރެންގެ ގެއެކެވެ."  

އަނެއް ދުވަހު ނުކުމެގެން ހިނގައްޖެއެވެ. އެކަމަކު ފިރިމީހާ ހުރީ މުޅިން ބަދަލުވެފައެވެ. އެއީ ކުރީގެ ފިރިމީހާއެއް ނޫނެވެ. އެގޮތަށް މަހެއްހައިދުވަސް ފާއިތުވުމުން ފިރިމީހާގެ ގާތުގައި ބުނީމެވެ. "50 އަހަރުވިޔަސް އަދި މިހުރީ ޢިއްދައިން ކެނޑިފައެއް ނޫނެވެ. ފިރިއަކަށް ޤަބުރަކު ގޮވައިގެން އުޅެން ޖެހޭނީ ކައްވަޅުގައި ފިރިއަކު ލިބިއްޖެނަމަތާއެވެ! ދެން ކަލޭވެސް ރީތިގޮތުގައި އަހުރެން ދޫކޮށްލާފައި ދެކުދިން ސަމާސާކުރަންދާށެވެ!"  

އެއިގެ ދެތިން ދުވަސްފަހުން ފިރިމީހާވެސް އަހުރެން އެދުނު ގޮތަށް އަހުރެން ދޫކޮށްލާފައި އޭނާ ބޭނުންވާ ގޮތަށް ސަމާސާކުރަން ނުކުމެގެންދިއައީއެވެ. ޢިއްދަ ހަމަވީމާ އަހުރެންވެސް ކައިވެނިކޮށް މިހާރު މިއުޅެނީ ހަމަ ސަމާސާކުރުމުގައެވެ. ވަރަށް އުފަލުގައެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ އެކުވެރިއަކަށް ހެޔޮކޮށް ހިތައި އެހީތެރިވެދިނުމުން ލިބުނު ނަތީޖާއެވެ. ނަތީޖާ ވަރަށް ފޮންޏެވެ. އެއީ ކުރީގެ ފިރިމީހާއަށްވުރެ މާބޮޑަށް އަހުރެންނާއި ސަމާސާކުރާ ފިރިއަކު ލިބި މާއުފަލުގައި އުޅެވޭކަމެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން