ތާރީޚީ ދުވަހެއް: އަހަރުތަކެއް ފަހުން ޒަމާނީ އިސްލާމީ ކުތުބުޚާނާ މިރޭ ހުޅުވަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ތާރީޚީ ދުވަހެއް: އަހަރުތަކެއް ފަހުން ޒަމާނީ އިސްލާމީ ކުތުބުޚާނާ މިރޭ ހުޅުވަނީ!

މިރެއަކީ ދިވެހިރާއްޖޭގެ އިސްލާމީ ޢިލްމީ ތާރީޚުގައި ފާހަގަކޮށްލެވޭނެ ރެއަކަށް ވެގެންދާނެއެވެ. އަހަރުތަކެއްގެ މެދުކެނޑުމަށްފަހު ދިވެހިރާއްޖޭގެ އިސްލާމީ ކުތުބުޚާނާ މިރޭ ހުޅުވުމަށް މިހާރު ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.

ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިގިލާގައި ތަރައްޤީކޮށްފައިވާ އިސްލާމީ ކުތުބުޚާނާ މިރޭ ހުޅުވުމަށް ހަމަޖެހިފައިވާއިރު، އިސްލާމީ ކުތުބުޚާނާ ހުޅުވިގެންދާނީ 15،000 އަށްވުރެ ގިނަ ފޮތާއެކުކަން ފާހަގަކޮށްލެވެއެވެ. މިރޭ މި ހުޅުވޭ އިސްލާމީ ކުތުބުޚާނާ ވެގެންދާނީ އިސްލާމީ ޢިލްމު ޚާސިލްކުރުމަށް ބޭނުންވާ އަދި ދިރާސާތައް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި ތަނަކަށެވެ.

"އިންޝާﷲ މިރޭ އިސްލާމީ ކުތުބުޚާނާ ހުޅުވާނެ، އިސްލާމީ ދިރާސާ ކުރާ ފަރާތްތަކަށް ވަރަށް ހިތްގައިމު މާހައުލަކަށްވެގެންދާނެ" އިސްލާމީ ކުތުބުޚާނާ ހުޅުވުމާއި ގުޅޭ ގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިހުރި އަދި މިހާރު އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާ ޤާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރިތައް ޤާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ޤައުމެއްގެ ޔުނިވާސިޓީއަކުން ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.

މިކަމާއި ގުޅޭ ގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ހއ. ދިއްދޫ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި ރ. އުނގޫފާރު އިސްލާމިކް ސެންޓަރ ލައިބްރަރީއާއި ތިނަދޫ ސިޓީ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި އައްޑޫ އިސްލާމިކް ސެންޓަރ ލައިބްރަރީގެ އިތުރުން އަތޮޅުތަކުގައި ޤާއިމު ކުރެވޭ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ޤައުމެެއްގެ ޔުނިވަރސިޓީއަކުން ވަނީ ހަމަޖެހިފައިވާކަމަށާއި މިގޮތުން 60 ހާސް ފޮތް ލިބޭނެ ކަމަށް އަންގާފައިވާކަމަށެވެ.

އިސްލާމީ ކުތުބުޚުނާ ފުރިހަމަކޮށް ހުޅުވުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނާއިއެކު ޒުވާނުންގެ ޓީމެއްވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައިކަން ފާހަގަކޮށްލެވެއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން