ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ މިދަނޑިވަޅުގައި، ވިލިމާލޭގައި ވަގުތީގޮތުން ހޮސްޕިޓަލެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ. މި ވަގުތީ ހޮސްޕިޓަލް ޤާއިމުވުމުން މިހާރު ދޭ ޚިދުމަތްތަކުގެ އިތުރުން އެޑްމިޓްކޮށްގެން ފަރުވާދެވޭނެ ނިޒާމެއް ވެސް ޤާއިމުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، ވިލިމާލޭގައި ބޮޑު ހޮސްޕިޓަލެއް އެޅުމަށް މިހާރު ހުރި ހޮސްޕިޓަލް ތަޅާލުމަށްފަހު ވެސް ވިލިމާލެ ރައްޔިތުންނަށް ސިއްޙީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އެބޭފުޅުންގެ އެންމެ ބޮޑު މަސައްކަތް ކަމުގައެވެ. މިކަމަށްޓަކައި ކުރީގެ ކުޑަކުދިންގެ ހިޔާ ހުރި ދެ ޢިމާރާތުގެ ތެރެއިން އެއް ޢިމާރާތާއި ވަށައިގެންވާ ބިން ވަގުތީ ހޮސްޕިޓަލް ސެޓަޕް ޤާއިމުކުރުމަށް ހަމަޖައްސަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސީއީއޯ އިތުރަށް ވިދާޅުވި ގޮތުގައި، ވިލިމާލޭގައި އަލަށް ޤާއިމުކުރާ ހޮސްޕިޓަލް ނިމެންދެން މަޑުނުކޮށް، މިހާރު ދެމުންދާ ޚިދުމަތްތަކުގެ އިތުރުން އިތުރު ޚިދުމަތްތަކާއި، އެޑްމިޓްކޮށްގެން ފަރުވާދެވޭނެ ނިޒާމަކާއެކު ވަގުތީ ހޮސްޕިޓަލެއް ޤާއިމުކުރުމަކީ އެބޭފުޅުންގެ އުއްމީދެވެ. މި މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާ ޚިދުމަތް ދޭން ފެށުމަކީ އެބޭފުޅުންގެ އަމާޒެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ވިލިމާލޭ ހޮސްޕިޓަލު ވަގުތީގޮތުން ކުރީގެ ކުޑަކުދިންގެ ހިޔާ ހުރި ޢިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މިގޮތުން، މިކަމަށް ބޭނުންވާ ކުރެހުންތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މި ހޮސްޕިޓަލުގެ ޢިމާރާތާއި އަދި ވަޞީލަތް ޤާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ޗައިނާ ސަރުކާރުންނެވެ.