މިއަދު މެންދުރު ހުޅުމާލެ ފޭސް 1 ގައި ކަފުިހުރަސްކުރަނިކޮށް ސައިކަލަކުން ޖެއްސުމުން އަނިޔާ ލިބުނު އަންހެން މީހާގެ ކަނައަތު ކޮނޑުހުޅުން ވަނީ ނެއްޓިފައެވެ. އެއިގެ އިތުރުން އެތެރޭގެ ކަށިތައް ވަނީ މަށައިގެންގޮސްފައެވެ. ހުޅުމާލޭ ހޮސްޕިޓަލުން ވަނީ ހުޅުއަޅުވައިދީ މިވަޤުތައް ދެވެންހުރި ފަރުވާ ދީފައެވެ.
ފުލުހުންގެ މީޑިއާ ގްރޫޕުގައި ފުލުހުން ބުނެފައިވަނީ އެއީ 59 އަހަރުގެ އަންހެނެއް ކަމަށެވެ. އެސައިކަލް ދުއްވީ އެކެޓަގަރީގެ ސައިކަލް ދުއްވުމުގެ ހުއްދަ ނެތް ބަންގްލަދޭޝް ފިރިހެނަކު ކަމަށެވެ. އަދި ސައިކަލް ޓޯކޮށް މައްސަލަ ބަލަމުން ގެންދާ ކަމަސްވެސް ވަނީ ބުނެފައެވެ.
މިއަދުނޫހަށް މަޢުލުމާތު ލިބިފައިވާ ގޮތުގައި ސައިކަލުން ޖެއްސީ މަގުގައި ސައިކަލްތައް ނުވަތަ އުޅަނދުތައް ގިނަވެ ބާރުބޮޑުވެފައިވާ ވަޤުތެއްގައެއްވެސް ނޫނެވެ. އަދި ޖައްސާފައިވަނީ ކަފިހުރަސްކުރަމުންގޮސް ޕޭމަންޓަށް އެރެނިކޮށް އެދޭތެރެއަށް ސައިކަލުގައި ވަދެގަނެއެވެ.
ޑޮކްޓަރުން ލަފާދެއްވާ ގޮތުގައި ކޮނޑުހުޅަށް މިބާވަތުގެ އަނިޔާއެއް ލިބިއްޖެނަމަ އެއަތަކުން ދެން ބަރު އެއްޗެއް ނުއުފުލޭނެއެވެ. އުފުލާނަމަ ހުޅުން ނެއްޓުމުގެ ފުރުޞަތު ބޮޑެވެ. އެހެންކަމުން އެއަންހެންމީހާއަށް ލިބިފައި އެވަނީ އެކަމުގެ ވޭން މުޅި ޢުމުރަށް އުފުލަންޖެހޭނެ އަނިޔާއެކެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިބާވަތުގެ އަނިޔާއެއް ދިނުމުން އެކަށީގެންވާ ބަދަލެއް ނަގައިދެއެވެ. ބައެއް ޙާދިސާތަކާއި ގުޅިގެން ޢުމުރަށް ޢިނާޔަތް ލިބޭނެ ގޮތަށް ކޯޓުން ޙުކުމްކުރެއެވެ. ރާއްޖޭގައި މިފަދަ ޙާދިސާތައް ގިނަވެ ގިނަ ބައަކަށް ބޮޑެތި ގެއްލުންތައް ލިބެމުން އަންނައިރުވެސް މިފަދަ ބަދަލެއް ނަގައިނުޑޭކަން ފާހަގަކުރެވެއެވެ.
ގިނަބައަކު ދެކޭ ގޮތުގައި އަނިޔާ ލިބުނު މީހާއަށް ބޭސްފަރުވާކުރަން އާސަންދއިން ކުރާ ޚަރަދުވެސް އަނިޔާކުރާ މީހުންގެ އަތުން ނުނަގާތީ އެކަންވެފައި އޮންނަނީ އަނިޔާ ކުރަން ދެވޭ ހިތްވަރަކަށެވެ.