ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ދެމެދު، ވައިގެ މަގުން ގަހާއި ޖަނަވާރު އެތެރެކުރުމުގެ ކަންތައް ހަރުދަނާކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދެވޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ގައުމީ ސިއްހަތާއި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށް އެމްއޭސީއެލުން ވިދާޅުވެ އެވެ.
އެމްއޭސީއެލުން ވިދާޅުވީ، މިއީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް އެ ކުންފުނީގެ ހިދުމަތްތައް ބައްޓަންކޮށް، އޮޕަރޭޝަނަލް އެފިޝިއަންސީ ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށެވެ. ޚާއްސަކޮށް، ވީއައިއޭގެ އާ ޓާމިނަލްއާ އެކު އެމްއޭސީއެލްގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބޮޑު މަސައްކަތެއް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި އެއްބަސްވުމުގެ ދަށުން، ގަސްގަހާގެއްސާއި އެކި ޖަނަވާރުތައް ވައިގެ މަގުން ރާއްޖެ އެތެރެކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެ، ކަމާބެހޭ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުން ކަށަވަރުވާނެ ކަމަށް އެމްއޭސީއެލުން ވިދާޅުވެ އެވެ.
މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އެއާޕޯޓުގައި ހިދުމަތްދޭ ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން ކަންކަން ހަރުދަނާކުރުމަށް އެކުލަވާލާ އެއްބަސްވުންތަކުގެ ތެރެއިން ވެވުނު ފުރަތަމަ އެއްބަސްވުން ކަމަށް ވެސް އެމްއޭސީއެލްގެ މަސްދަރުން ހާމަކުރައްވަ އެވެ.